ސްރީލަންކަން އެއާލައިންސް އިން ލަންކާގެ ކޮލަމްބޯއާއި އައްޑޫ ސިޓީގެ ގަމާ ދެމެދު އަނެއްކާވެސް ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.
ސްރީލަންކަންގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓު ކަމަށްވާ އޭސް އޭވިއޭޝަނުން "ސަން" އަށް ބުނީ، އަންނަ މަހުގެ ހަތަރަކުން ފެށިގެން ކޮލަމްބޯއާއި ގަމާ ދެމެދު ސީދާ ދަތުރުތައް ފަށާނެ ކަމަށެވެ. އަދި ކޮންމެ ހަފްތާއަކު ދަތުރުތައް އޮންނާނީ ހޮނިހިރު ދުވަހު ކަމަށެވެ.
ސްރީލަންކަން އެއާލައިންސްގެ ސީދާ ދަތުރުތައް ގަމަށް ފެށީ ޑިސެމްބަރު 2016ގައެވެ. ނަމަވެސް ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އެދަތުރުތައް މެދުކެނޑުނެވެ. އަދި މިދިޔަ އޮގަސްޓު މަހު އެ އެއާލައިނުން ވަނީ ކޮލަމްބޯ އާއި ގަމާ ދެމެދު ޗާޓަރު ފްލައިޓުތައް ފަށާފައެވެ.
އޭސް އޭވިއޭޝަނުން ބުނީ ދިވެހިންނަށް ކޮލަމްބޯ އާއި ގަމާ ދެމެދު ދެކޮޅު ޓިކެޓްގެ އަގަކީ 271 ޑޮލަރު ކަމަށެވެ. އަދި ފަތުރުވެރިންނަށް ދެކޮޅު ޓިކެޓުގެ އަގަކީ 284 ޑޮލަރު ކަމަށެވެ.
ހަމައެއާއެކު، ކޮންމެ ހޮނިހިރު ދުވަހަކު ސްރީލަންކަންގެ ބޯޓު ކޮލަމްބޯއިން ދަތުރު ފަށާނީ 10:40ގައި ކަމަށާއި ގަމަށް ޖައްސާނީ 12:05ގައި ކަމަށް އޭސް އޭވިއޭޝަނުން ބުންޏެވެ. އަދި ދެން އެ ބޯޓު ގަމުން ފުރާނީ މެންދުރު 1:05ގައި ކަމަށް އޭސް އޭވިއޭޝަނުން ބުންޏެވެ.