ކޮޕް26ގައި ތިމާވެއްޓާ ބެހޭ އާ ފަންޑެއް ގާއިމުކޮށް، އެހީ ލިބޭ ފުރަތަމަ ގައުމަކަށް ރާއްޖެ

އެނާޖީ ޓްރާންސިޝަން އެކްސެލެރޭޓާ ފައިނޭންސިން (އީޓީއޭއެފް) ފަންޑު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

ކޮޕް26ގައި ތިމާވެއްޓާ ބެހޭ އާ ފަންޑެއް ގާއިމުކޮށް، އެ ފަންޑުން އެހީ ލިބޭ ފުރަތަމަ ގައުމަކަށް ރާއްޖެ ހަމަޖައްސައިފިއެވެ.

މިއެހީ ރާއްޖެއަށް ލިބެނީ، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުން އަވަސްކުރުމަށް ގައުމުތަކަށް އެހީތެރިވުމަށް އަލަށް އުފެއްދި ފަންޑެއް ކަމަށްވާ އެނާޖީ ޓްރާންސިޝަން އެކްސެލެރޭޓާ ފައިނޭންސިން (އީޓީއޭއެފް)ގެ ދަށުންނެވެ.

އީޓީއޭއެފް އަކީ އިއާދަކުރަނިވި ހަކަތައާ ބެހޭ ބައިނަލްއަގުވާމީ އިދާރާ (އައިރީނާ) އާއި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އަދި ޔޫއޭއީ ސަރުކާރު ގުޅިގެން ގާއިމްކުރި ފަންޑެކެވެ. މި ފަންޑުން އެހީ ދޭނީ، ތަރައްގީވަމުން އަންނަ ގައުމުތަކަށް އަދި ވަކިން ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ގައުމުތަކަށެވެ.

އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ އިން އީޓީއޭއެފްއިން މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މި ފަންޑު އިފްތިތާހުކުރުމަށް އިއްޔެ ބޭއްވި ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ސްކޮޓްލަންޑުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރެންސް، ކޮޕް26ގެ ހަވާސާ ގައެވެ.

އެ ފަންޑުގެ އެހީގައި ފަށާ ޕްރޮޖެކްޓުގެ ފުރަތަމަ ބުރުގައި، 0.5 މެގަވޮޓްގެ ކުނިން ހަކަތަ އުފައްދާ ކުޑަ ޕްރޮޖެކްޓެއް ފަށާނެއެވެ.

ރާއްޖެއިން އެދުނު ދެވަނަ ޕްރޮޖެކްޓް ހިމެނިފައި ވަނީ ޕްރޮޖެކްޓުގެ ހަތް ވަނަ ބުރުގައެވެ. އެގޮތުން އައްޑޫ ސިޓީގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ކުނިން ހަކަތަ އުފައްދާ މި ޕްރޮޖްކެޓުގައި، 1.5 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެކަމަށް ބެލެވޭއިރު މި ޕްރޮޖެކްޓުގެ މަންފާ 35،000 މީހުންގެ އާބާދީއަކަށް ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވެއެވެ.

ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތައް މަދު ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދުނިޔޭގެ އިސްވެރިންގެ މެދުގައި މަޝްވަރާކުރުމަށް ބާއްވާ ކޮޕް26 ސަމިޓުގައި ރަައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ތަގުރީރުކުރައްވައިފައެވެ.

ރައީސް އެ ސަމިޓުގައި ވިދާޅުވީ ރާއްޖެއަކީ އަބަދުވެސް ބިންތިރި ގައުމެއްގެ ގޮތުގައި އޮތް ގައުމެއްކަމަށެވެ. އަދި އަބަދުވެސް ދުނިޔޭގެ ޗާޓުން ރާއްޖެ ގެއްލިދާނެ ކަމުގެ ބިރު އޮންނަ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ރައީސް ވަނީ ކްލައިމެޓް ފައިނޭންސިންއަށް ބޮޑެތި ގައުމުތަކުން އެހީތެރިވެ ދިނުމަށް ގޮވައިލައްވައިފައެވެ. އަދި އެކަމަށް ބާރު އަޅުއްވަމުން އެމަނިކުފާނުވަނީ ގައުމުތައް އެކުގައި މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.

comment ކޮމެންޓް