ގއ. މާމެންދޫގައި ހިނގި މާރާމާރީއެއްގައި ވަޅިން ހަމަލާދިނުމުގެ ސަބަބުން މަރުވި އަހުމަދު އުދައްޔުގެ މަރުގެ ދައުވާ ލިބޭ ކުޑަ ކުއްޖާ ގޭ ބަންދަށް ޖުވެނައިލް ކޯޓުން މިއަދު ބަދަލު ކޮށްފިއެވެ.
ދާދި ފަހުން އެޗްއާރްސީއެމް އިން ނެރުނު ރިޕޯޓެއްގައި ބަޔާން ކޮށްފައި ވަނީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ޖަލެއް މި ވަގުތު ނެތްކަމަށެވެ. އެހެންކަމުން އެކަމަށް ރިއާޔަތްކޮށް ޖުވެނައިލް ކޯޓުން ވަނީ ދައުވާ ލިބޭ ކުއްޖާ ގޭ ބަންދަށް ބަދަލު ކުރުމަށް އަމުރު ކޮށްފައެވެ.
އެޗްއާރުސީއެމްއިން ބުނެފައިވަނީ، އައްސޭރި ޖަލުގައި ހުންނަ ކުޑަކުދިންގެ ޖަލަކީ، ގާނޫނު އަސާސީއާއި ބައިނަލްއަގުވާމީ ގާނޫނުތަކުން ކުދިންނަށް ލިބެންޖެހޭ ހައްގުތަކާއި ރައްކާތެރިކަން ނުލިބޭ ތަނެއްކަން އެ ކޮމިޝަނުން ކުރިއަށްގެންދިޔަ ތަހުގީގަކަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ކުޑަކުދިންނަށް އެކަށޭނަ ޖަލެއް ގާއިމް ކުރުމަށް އެޗްއާރްސީއެމް އިން ވަކި މުއްދަތެއް ދީފައިވާއިރު އެ މުއްދަތުގެ ތެރޭގައި އެފަދަ ޖަލެއް ގާއިމް ނުކުރެވޭނެ ކަމަށް މޯލްޑްވިސް ކަރެކްޝަނަލް ސާވިސް އިން ކޯޓަށް މައުލޫމާތު ދީފައިވާ ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެޖަލުގައި އެއްވެސް މައްސަލައަކާ ގުޅިގެން ކުޑަކުދިން ބަންދު ނުކުރުމަށް އެޗްއާރްސީއެމް އިން ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް އަންގާފައެވެ.
އުދައްޔު މަރާލައިފައިވަނީ މާމެންދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރިއަކާ ގުޅިގެންނެވެ. މި މައްސަލައިގައި ކުޑަ ކުއްޖާގެ އިތުރުން ތިން މީހަކަށް ވަނީ ދައުވާ ކޮށްފައެވެ. ކުޑަ ކުދިންނަކީ ގާނޫނީ ގޮތުން ރައްކާތެރިކަން ލިބިގެންވާ ބައެއް ކަމުން ދައުވާ ކުރި ކުއްޖާގެ ވަނަވަރު އާންމުކޮށްފައި ނުވެއެވެ.
ސީދާ އުދައްޔު މަރާލި ކަމުގެ ތުހުމަތު ކުރެވޭ 18 އަހަރުން ދަަށުގެ ކުޑަކުއްޖާއަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ކޮށްފައެވެ.
އުދައްޔުގެ މަރުގެ މައްސަލައިގައި އިތުރަށް ދައުވާ އުފުލާފައި ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެކުށުގެ ދައުވާއާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.