މޫސުމީ ބަދަލުތަކުން އަރައިގަތުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ: ޝާހިދު

އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު -- ފޮޓޯ/ އދ

މޫސުމަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ޓަކައި ފާއިތުވި އަހަރުތަކުގައި ގައުމަތަކަށް އެންމެ އެކަށީގެންވާ މިންވަރަކަސް މަސައްކަތް ނުކުރެވޭކަމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ކޮޕް26 ސަމިޓުގައި ވާހަކަދައްކަަވަމުން ޝާހިދު ވިދާޅުވީ މޫސުމަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމުގެ ވާހަކައަކީ ގައުމުތަކުގެ ވެރިން މީގެ އެތައް އަހަރެއް ކުރިން ދައްކަމުން އައި ވާހަކައެއްކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އައިރު އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅޭކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މޫސުމީ ބަދަލުތަކާ ގުޅޭ މައްސަލަތަކުގެ ވާހަކަދައްކާތާ އެތައް އަހަރެއްވެއްޖެ. އިއާދަކުރަނިވި ހަކަތަައިގެ ވާހަކަދައްކަމުން އަންނަތާ ވެސް އެތައް އަހަރެއް ވެއްްޖެ. ނަމަވެސް މިކަމަށް ގަދައަޅައި މަސައްކަތްކުރުމަށް އަޅުގަނޑުމެން ވަނީ ނުކުޅެދިފައި. ކިތަންމެ ހިތި ނަމަވެސް މިއީ ކުރިމަތިލާން އޮތް ހަގީގަތް. ނަމަވެސް ދެން އޮތް އަނެއް ހަގީގަތަކީ މިކަމުން އަރައިގަތުމަށް މަސައްކަތްކުރުމުގެ ގާބިލްކަން އަޅުގަނޑުމެންގެ އަތުގައި އޮތް އިރު އެކަން ކޮށްފިނަމަ ހާލަތު ބަދަލުކުރެވިދާނެކަން،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ އޭނާއާ ބައްދަލުވާ ކޮންމެ މީހެއްގެ ވެސް ކަންބޮޑުވުމަކީ މޫސުމަށް ކުރާ ނޭދެވޭ އަސަރުތައް ކަމަށެވެ. އަދި އެދޭ އެދުމަކީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ޓަކައި މަސައްކަތްކުރުންކަމަށެވެ.

އެގޮތުން މިއަދު ސައިންސްގެ ގޮތުން ކުރި އަރައި މިކަމަށް ޓަކައި މަސައްކަތްކުރުމަށް ބޭނުންވާ ޓެކްނޮލޮޖީ ހުރިކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މިކަމަށް އަވަސް ހައްލެއް ހޯދުމަށް ގައުމުތަކުން އެއްބަސްވާކަން ފާހަގަކުރެއްވިއެވެ. ނަމަވެސް މަސައްކަތް ނުފެށި ތިބެންޖެހޭ ސަބަބާމެދު ޝާހިދު ސުވާލު އުފެއްދެވިއެވެ.

"އަޅުގަނޑުމެންނަށް އިތުރަށް ދެއްކޭނެ ބަހަނާއެއް ނެތް. މިއީ ރަނގަޅު ފިޔަވަޅު އަޅަން ޖެހޭ ވަގުތު،" ޝާހިދު ވިދާޅުވިއެވެ.

ކޮޕް26 ސްކޮޓްލޭންޑްގެ ގްލާސްގޯގައި ފަށާފައިވަނީ މިއަދެވެ. ސަމިޓް ކުރިއަށް ދާނީ އަންނަ މަހުގެ 12އާ ހަމައަށެވެ.

ކޮޕް ސަމިޓަކީ ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތައް މަދު ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދުނިޔޭގެ އިސްވެރިންގެ މެދުގައި މަޝްވަރާކޮށް، މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ވީހާވެސް ކުޑަކުރުމަށް ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކަށް ބާރު އެޅުމުގެ ގޮތުން ބާއްވާ އެންމެ ބޮޑު ބައްދަލުވުމެވެ.

މި ސަމިޓުގެ ރިޔާސަތުގައި ހުންނަވާނީ އިނގިރޭސިވިލާތުގެ ކެބިނެޓު އޮފީހުގެ ސްޓޭޓް މިނިސްޓަރެއް ކަމަށްވާ އަލޮކް ޝަރުމާއެވެ.

comment ކޮމެންޓް