މި އަހަރުގެ ކުރީކޮޅުން ފެށިގެން ޕްރިންސިޕަލަކު ނެތި ރ. މަޑުއްވަރީ ސުކޫލް ހިންގާ މައްސަލައިގައި ސުވާލު ކުރުމަށް, އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފިއެވެ.
މިނިސްޓަރާ ސުވާލު ކުރަން މަޖިލީހަށް ހުށަހަޅާފައި ވަނީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރުއެވެ.
އޭނާ މިނިސްޓަރާ ސުވާލު ކުރަން ހުށަހެޅީ، މި އަހަރުގެ ކުރީކޮޅުން ފެށިގެން ޕްރިންސިޕަލެއް ނެތި މަޑުއްވަރީ ސުކޫލް ހިންގަމުން އަންނާތީ، އެ ސުކޫލަށް ޕްރިންސިޕަލަކު ލިބޭނީ ކޮން ތާރީހަކުތޯ އާއި އެ ސުކޫލަށް ޕްރިންސިޕަލެއް ނުލިބިގެން އުޅެނީ ކީއްބެގެންތޯ ސާފު ކުރުމުގެ ގޮތުންނެވެ.
މީގެ އިތުރުން ޕްރިންސިޕަލުން ނުލިބޭ ރަށްރަށް، ނުވަތަ ޕްރިންސިޕަލުން ހަރުލުން ދަތި ރަށްރަށާމެދު ރާވާ ގޮތަކީ ކޮބައިތޯ ވެސް އާދަމް ޝަރީފް ވަނީ މިނިސްޓަރާ ސުވާލު ކުރަން އެދި ވަޑައިގެންފައެވެ.
"ސަން"އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މަޑުއްވަރީ ސުކޫލްގެ ކިޔެވުން މި އަހަރު ކުރިއަށް ދަނީ ވެސް ބައެއް ކަހަލަ ކަންބޮޑުންތަކާއެކު ކަމަށެވެ. އެހެންކަމުން އެ ސުކޫލްގައި ޕްރިންސިޕަލެއް ނެތި ގިނަ ދުވަސް ވާން ޖެހުމުން ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
"ޕްރިންސިޕަލެއް ނެތުމުން ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް ޓަކައި ކުރަންޖެހޭ ކަންތައްތަކުގެ މައްޗަށް ވެސް އެއްވެސް ޕްލޭނެއް ނެހެދި އެ ކުރިއަށްދަނީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ސިފަ ކުރެއްވި ގޮތުގައި ޕްރިންސިޕަލެއް ނެތި ސުކޫލް ހިންގުމަކީ މާލިމީއެއް ނެތި އޮޑި ދުއްވުން ފަދަ ކަމެކެވެ.
އޭނާ ވިދާޅުވީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން އެ ސުކޫލަށް ޕްރިންސިޕަލަކު ހަމަނުޖެއްސިދާނެތީ މަޑުއްވަރީ ކައުންސިލުގެ ފަރާތުން ވެސް ވަގުތު އޮއްވާ، އެކަން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް ސުކޫލްތައް ހުޅުވުނި އިރުވެސް އެކަމަށް ހެއްލެއް ލިބިފައިނުވާ ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ ޕްރިންސިޕަލެއް ނެތި މަޑުއްވަރީ ސުކޫލް ހިންގާތީ، އެކަމުގެ ކަންބޮޑުވުންތައް ބެލެނިވެރިންގެ ފަރާތުން ވެސް ލިބެމުން އަންނަ ކަމަށެވެ.