ޖިނާއީ ކުށުގެ އެއްވެސް އަމަލެއް އަދި އެފަދަ އަމަލެއް ހިންގުމުގައި ބައިވެރިފައިވެސް ނުވާނެ ކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.
އޭނާ ސޮއި ކުރައްވާ ނެރުއްވާފައިވާ ނޫސް ބަޔާނެއްގައި ވަނީ އޭނާ އާ މެދު ތުހުމަތު ކުރާ މައްސަލައަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ވިދާޅުވާ މި މައްސަލައަކީ ޒާތީ ތައައްސުބުން އުފަން ކޮށްފައިވާ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ ބިނާވެފައިވަނީ ސައްހަ ނޫން އަސާސެއްގެ މައްޗަށް ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ހަމައެހެންމެ، އެއީ ރަސްމީ ހައިސިއްޔަތުގެ ނަހަމަ ބޭނުން ކޮށްގެން ހިންގާފައިވާ ހަރަކާތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެއީ ގާނޫނީ ހަމަތަކާއި ވެސް ކަނޑައެޅިގެން ހިލާފަށް ހިންގާފައިވާ ހަރަކާތެއްކަން މާތްﷲގެ ވާގި ފުޅާއެކު ސާބިތުވާނެކަމަށް އެއްވެސް ޝައްކެއް ނެތް ކަމަށް ވެސް ޒެނީޝާ ވިދާޅުވިއެވެ.
މި ނޫސްބަޔާން ޒެނީޝާ ނެރުނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހާދިސާއަކާ ގުޅިގެން އޭރުގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ، ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރަށް ދައުވާ ކުރަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ޕްރޮސެކިއުޓާރ ޖެނެރަލް (ޕީޖީ) ގައި އެދުމާއި ގުޅިގެން ބައެއް މީޑިއާތަކުން ފަތުރާފައިވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަން ސާބިތު ކޮށްދިނުމަށްޓަކައެވެ.
މި މައްސަލައިގައި އިތުރަށް ޒެނީޝާގެ ފަރާތުން އިތުރު މައުލޫމާތު ހިއްސާ ކުރާނީ އޭނާގެ ގާނޫނީ ވަކީލުންގެ ގޮތުގައި އައްޔަން ކޮށްފައިވާ ޕްރިމިއަރ ޗެމްބަރޒް އެލްއެލްޕީ މެދުވެރިކޮންނެވެ.