ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަކަށް ގެންނަން އެމްއެންޕީން މަސައްކަތް ކުރަނީ

އެމްއެންޕީގެ މެންބަރުން --- ސަން ފޮޓޯ / އަހްމަދު އައިމަން އަލީ

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މައްސަލައަށް އަދިވެސް ހައްލެއް ލިބިފައި ނުވާތީ އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އިން ބުނެފިއެވެ.

އެމްއެންޕީގެ ޕާލަމަންޓްރީ ގްރޫޕުގެ ނައިބު ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް "ސަން"އަށް ވިދާޅުވީ އެކަން ހުއްޓުވުމަށްޓަކައި އެކަށީގެންވާ ފިޔަވަޅެއް އެއްވެސް ސަރުކާރަކަށް އެޅިފައި ނުވާ ކަމަށެވެ.

"މި މައްސަލައަށް އޮތް ހައްލަކީ ކޮބައިތޯ ބެލުމަށްޓަކައި މިކަމުގެ ތަޖުރިބާކާރުންނާ އަޅުގަނޑުމެން މި ދަނީ މަޝްވަރާ ކުރަމުން،" އުޝާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވާފައި ތިއްބެވި ގިނަ ބޭފުޅުންތަކެއް ވެސް މިވަތު އެކަމާ ބެހޭ ގޮތުން ދަނީ އެ ޕާޓީއާއެކު މަސައްކަތް ކުރަމުން ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެންވެސް އުންމީދު ކުރަނީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މިހާރު މިއޮތް ހާލަތާ ގުޅޭ ގޮތުން އެސެސްމެންޓެއް ހައްދަވާފަ އެ ބޭފުޅުން އަޅުގަނޑުމެންނާ އެކަން ހިއްސާ ކުރައްވާނެކަމަށް،" އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އެމްއެންޕީގެ ކަންބޮޑުވުންތަކެއް ހުރުމާއެކު އެމްއެންޕީންވެސް އަންނަނީ މިކަމާ ގުޅޭ ގޮތުން އެސެސްމެންޓެއް ތައްޔާރު ކުރަމުންނެވެ. މިކަމުގައި އެމްއެންޕީއަށް ތާއިދު ކުރައްވާ އިގްތިސާދީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ލަފައާއި މަޝްވަރާ ބޭނުން ކުރަމުން އަންނަ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.

"އެ އެސެސްމެންޓަށްފަހު އެނގިގެންދާނެ މިހާރުގެ ހާލަތު ހުރި ގޮތް. ދެން އަޅުގަނޑުމެންނަށް ފެންނަ ކަންތައްތައް ހުއްޓުވުމަށް މަސައްކަތް ފެށޭނެ އެހިސާބުން،" އުޝާމް އިތުރަށް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ ޑޮލަރުގެ ބްލެކް މާކެޓް ރާއްޖޭގައި ހުއްޓުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގިނަ މަސައްކަތް ތަކެއް ކުރެވޭނެ ކަމަށެވެ.

ރައްޔިތުންނާއި ވިޔަފާރިވެރިންގެ ފަރާތުން ވެސް އެކަމުގެ ކަންބޮޑުވުންތައް އެޕާޓީއާ ހިއްސާކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވަން ބޭރު ފައިސާ ބަދަލު ކުރުމާ ބެހޭ ސިޔާސަތުތައް އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ވަނީ މީގެ ދެމަސް ކުރިން ބުނެފައެވެ.

ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވެފައި ވަނީ އެމްއެމްއޭއިން ގެންނަން ބޭނުންވާ ބަދަލުތަކަށް ސަރުކާރުން ވަނީ ތާއިދުކޮށްފައިވާ ކަމަށެވެ. އަދި އެ ބަދަލުތަކާ ބެހޭ މަޝްވަރާތައް ކަމާ ގުޅުން ހުރި ބޭރުގެ ފަރާތްތަކާ އެކުވެސް ކުރިއަށްގެންގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސަތުތަކަށް ބަދަލުގެންނާނެ ކަމަށް އެމްއެމްއޭއިން ބުނިތާ ގިނަ ދުވަސްތަކެއްވީއިރުވެސް އެކަމަށް އަމަލީ ސިފައެއް ގެނެވިފައެއްނުވެއެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާތީ ތަކެތީގެ އަގުތައް ވެސް ވަނީ އުފުލިފައެވެ.

comment ކޮމެންޓް