އައިޖީއެމްއެޗް ނަރުހުގެ މަރާ ގުޅިގެން ފިރިމީހާ ހައްޔަރުކޮށްފި

އަންހެން މީހާގެ މަރާ ގުޅިގެން ފިރިމީހާ ވަނީ ހައްޔަރުކޮށްފައި. އެފިރިހެން މީހާ އަކީވެސް ނަރުހެއް ----

އައިޖީއެމް ހޮސްޕިޓަލްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއްގެ މަރާ ގުޅިގެން އޭނާގެ ފިރިމީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ, އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ނަރުހެއްގެ މަރުގެ މައްސަލައާ ގުޅިގެން 29 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އޭނާގެ ފިރިމީހާއެވެ. އޭނާ އަކީ ވެސް ފިލިޕީންސްގެ ރައްޔިތެކެވެ. އަދި މަސައްކަތް ކުރަމުން ދަނީ ވެސް އައިޖީއެމްއެޗްގައެވެ.

އެ ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

އެނގިފައިވާގޮތުގައި އަންހެން މީހާގެ ހަށިގަނޑު އައީޖީއެމްއެޗަށް ގެންދިޔައީ އެތަނުގެ އެމްބިއުލާންސަކަށް ގުޅުމަށްފަހު ފިރިމީހާއެވެ.

މައުލޫމާތު އެނގޭ ފަރާތަކުން 'ސަން' އަށް ބުނީ, އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށެވެ. އަދި އެ އަންހެން މީހާ އަމިއްލައަށް ދަންޖެހިގެން މަރުވީ ކަމަށް އޭނާގެ ފިރިމީހާ އެއް ފަހަރު ބުނުމަށްފަހު, ފަހުން ބުނެފައިވަނީ ކުއްލި އަކަށް ހޭނެތިގެން ވެއްޓުނީ ކަމުގައި ކަމަށެވެ.

އެ ފިރިހެން މީހާގެ ފަރާތުން ޝައްކު ކުރެވޭ ކަންތައްތަކެއް ފެނުމުން އެ މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް