ރައްޔިތުންނަށް ފައިދާ ވާނީ ޕާޓީތައް ގުޅިގެން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުން: ނަޝީދު

ގާސިމް އިބްރާހިމްއާ ބައްދަލު ކުރުމަށް ރައީސް މުހައްމަދު ނަޝީދު މާމިގިއްޔަށް ކުރި ދަތުރުގެ ތެރެއިން -- ފޮޓޯ/ ސޯޝަލް މީޑިއާ

ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ ހުރިހާ ޕާޓީތަކެއް ގުޅިގެން ގާނޫނު އަސާސީއަށް އިސްލާހު ގެނައުން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ, ފާއިތުވެ ދިޔަ ދެ ދުވަހު ގިނަ ސިޔާސީ ޕާޓީތަކަކާއި ބައްދަލުކޮށްފައިވާނެ ކަމަށާއި އެއީ ގާނޫނު އަސާސީއަށް އިސްލާހުތަކެއް ގެނައުމަށް މަޖިލީހަށް ހުށަހަޅާފައި އޮތުމުން އެކަމުގެ މަޝްވަރާ ކުރުމަށް ކަމަށެވެ.

"ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް އެދި މަޖިލީހުގެ އިދާރާއަށް އެބަ ހުށަހަޅާ. އަދި މަޖިލީހުގެ އިދާރާގައި އެބައެދޭ. ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ހުށަހެޅުމެއް އެބަވޭ," ނަޝީދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކުރިން ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލު ކުރުމަށް ގާނުނު އަސާސީއަށް, 19 ވަނަ މަޖިލީހުން އިސްލާހު ގެނައިކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ, ގާނޫނު އަސާސީއަށް އެކި އިސްލާހުތައް ގެނައުމަށް ވަރަށް ގިނަ ފަރާތްތަކަކުން މިހާރު ވެސް މަޝްވަރާކުރަމުންދާ ކަމަށެވެ.

"އަޅުގަނޑު މި ހުރިހާ ޕާޓީތަކާ މަޝްވަރާ ކުރީ ގާނޫނު އަސާސީއަށް އިސްލާހެއް ގެނައުމަށް ކުރެވޭ މަސައްކަތަކީ ހުރިހާ ޕާޓީތަކެއް ގުޅިގެން އެކުގައި ކުރެވޭ މަސައްކަތަކަށް ވުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ނަތީޖާއެއް ނުކުންނާނެ ގޮތް ކަމަށް އަޅުގަނޑަށް ދެކެވޭތީވެ," ނަޝީދު ވިދާޅުވިއެވެ.

މިހާރުގެ ގާނޫނު އަސާސީއަށް އަމަލުކުރަމުން އަންނަތާ ސާދަ ވަރަކަށް އަހަރުވެފައިވާކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ, ގިނަ ދުވަސްވަމުންދާ ވަރަކަށް ދިމާވާ ދަތިތަކާއި ހުރި އުނިކަންކަމާއި އިސްލާހު ކުރަންޖެހޭ ކަންކަން އެންމެނަށް ވެސް ފެންނަމުން ސާފުވަމުންދާ ކަމަށެވެ.

"އަޅުގަނޑުގެ އުއްމީދަކީ ހުރިހާ ސިޔާސީ ޕާޓީތަކާއި ސިޔާސީ ފިކުރާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކާ އަދި އަމިއްލަ ފަރުދުން ވެސް ގުޅިގެން ރާއްޖޭގެ ސިޔާސީ މަޝްރަހު އަދި ރާއްޖޭގެ ސިޔާސީ ހަގީގަތް ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަކަށް އެތުރިގެން ދިއުން," ނަޝީދު ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހު ރައީސް ނަޝީދު ވަނީ, އދ. މާމިގިއްޔަށް ވަޑައިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރައްވާފައެވެ.

comment ކޮމެންޓް