ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ޖަޕާނުން 14 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާކޮށްފި

މާލެ ސަރަހައްދުގައި ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ފަޔާޒް މޫސާ

ކޮވިޑާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ޖަޕާނުން 14 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާކޮށްފިއެވެ.

ޖަޕާން ސަރުކާރުން ޔުނިސެފާ ގުޅިގެން ދިވެހިރާއްޖެއަށް ހަދިޔާ ކުރީ ވެކްސިން ކޯލްޑް ޗެއިން އިކުއިޕްމަންޓެވެ.

މިކަމަށްޓަކައި މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިތަކެތި ހެލްތް މިނިސްޓްރީއާ ހަވާލު ކޮށްދެއްވީ ޔުނިސެފްގެ ރެޒިޑެންޓް ރިޕްރެޒެންޓޭޓިވް މަރްޖާން މުންތަޒިމީ އަދި ޖަޕާން ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.

މިއަދު ހަވާލުކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ވެކްސިން އުފުލުމާއި ރައްކާކުރުމަށް ބޭނުންވާ "ފްރީޒް ފްރީ ވެކްސިން ކެރިއަސް" އަދި ކޯލްޑް ޗެއިން ސްޓޯރޭޖް ގާއިމު ކުރުމަށްޓަކައި ބޭނުންވާ ފްރީޒާ، ފިނިހޫނުމިން ވަޒަންކުރާ އާލާތްތައް އަދި އިންފޮމޭޝަން ޓެކްނޮލޮޖީ އާލާތްތައް އަދި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) އެވެ.

އެ ތަކެއްޗާއި، މިޕްރޮޖެކްޓްގައި ހިމެނޭ ފަންނީ ލަފާގެ އެހީތެރިކަމާއެކު މުޅިޖުމްލަ 14 މިލިއަން ރުފިޔާ (950،000 އެމެރިކާ ޑޮލަރު)ގެ އެހީ މިޕްރޮޖެކްޓްގެ ތެރެއިން ސިއްހީ ދާއިރާއަށް ލިބިގެންދާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވަނީ ޔުނިސެފް އަދި ޖަޕާން ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް މެދުނުކެނޑި ލިބެމުންދާ އެހީތެރިކަމަށްޓަކައި ޔުނިސެފް އާއި ޖަޕާން ސަރުކާރުގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިފަދަ ކޮންމެ ހާލަތެއްގައި ޔުނިސެފް އަދި ޖަޕާން ސަރުކާރުގެ ފަރާތުން އަބަދުވެސް ދިވެހިރާއްޖެއަށް އެހީތެރިކަން ލިބެމުންދާތީ، އެކަން ފާހަގަކޮށް ޝުކުރުއަދާކުރެއްވިއެވެ.

comment ކޮމެންޓް