ރަސްފަރީ ފަރަށް އެރި ބޯޓު: 100 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް، ގެއްލުމަށް 800 މިލިއަން ހޯދަނީ

ރަސްފަރީ ފަރަށް އެރި އާގު ބޯޓު: ފޮޓޯ/އެމްއެންޑީއެފް

ޕެނަމާގެ "އެމްވީ ނެވިއޯސް އެމެރައިލިސް" ބަލްކް ކެރިއާ ބޯޓު ކ. ރަސްފަރީ ފަރަށް އެރި މައްސަލައިގައި އެ ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، އެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގައި ކޯޓު މެދުވެރިކޮށް 800 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ބުނީ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 100 މިލިއަން ރުފިޔާ، 30 ދުވަހުގެ ތެރޭގައި އެ އޭޖެންސީއަށް ދެއްކުމަށް، އެ އުޅަނދުގެ ދިވެހި އޭޖެންޓު އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް މިދިޔަ ހޯމަ ދުވަހު އަންގާފައިވާނެ ކަމަށެވެ.

އީޕީއޭއިން ބުނީ އެ އުޅަނދު ފުންކޮށް ނިންމުމަށްފަހު އެ އޭޖެންސީއާއި އެމްއެންޑީއެފްއިން ހެދި ސާވޭއިން ދެއްކި ގޮތުގައި ފަރުގެ 8،867 އަކަ މީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައި ވާކަމަށެވެ.

އެހެންކަމުން ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުމުން، ޖޫރިމަނާއާއި ބަދަލުގެ އަގު 893 މިލިއަނަށް އަރާ ކަމަށް އީޕީއޭއިން ބުންޏެވެ.

ނަމަވެސް ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭނެ އެންމެ ބޮޑު އަގަކީ 100 މިލިއަން ރުފިޔާ ކަމަށް ވާތީ، އެ އަދަދުން ޖޫރިމަނާ ކުރީ ކަމަށް އީޕީއޭގެ ބަޔާނުގައިވެއެވެ. އަދި ކޯޓު މެދުވެރިކޮށް ގެއްލުމުގެ ބަދަލެއްގެ ގޮތުން 893 މިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހާ ގުޅިގެން މިހާރު ފަށާފައިވާ ކަމަށް އެ އޭޖެންސީން ބުންޏެވެ.

https://sun.mv/156082

ދިގުމިނުގައި 190 މީޓަރު ހުންނަ އެމްވީ ނެވިއޯސް އެމެރައިލިސް ރަސްފަރީ ފަރަށް އުރުނީ މިދިޔަ އޯގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ.

އެކަމާ ގުޅިގެން އޭރު މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ އެއްވެސް ކާގޯއެއް ނެތް އެ ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުން ދިޔައީ ކަނޑުތަކާ ބެހޭ ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ.

އެ ބޯޓު ދަތުރު ކުރަމުން ދިޔައީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން، އެފްރިކާ ބައްރަށް ކަމަށާއި އެ ހާދިސާގައި ތިމާވެއްޓަށް ނޭދެވޭ އަސަރު ކުރާފަދަ އެއްވެސް އެއްޗެއް ކަނޑަށް އެޅިފައި ނުވާކަންވެސް ޓްރާންސްޕޯޓް އޮތޯރިޓީން އޭރު ބުންޏެވެ.

ރަސްފަރީ އަކީ ޓެލެކޮމިއުނިކޭޝަންސްގެ މަސައްކަތް ކުރާ ރަށެކެވެ. ރަސްފަރީއާއި އެރަށުގެ ވަށައިގެންވާ ފަރަކީ ސެޕްޓެމްބަރު 27، 1995އިން ފެށިގެން ހިމާޔަތް ކޮށްފައިވާ ސަރަހައްދެކެވެ.

comment ކޮމެންޓް