މިދިޔަ ހަފްތާތެރޭ ކ. ރަސްފަރީ ފަރަށް އެރި ޕެނަމާގެ އާގު ބޯޓަށް ރާއްޖެއިން ފުރުމުގެ ހުއްދަ ލިބޭނީ 100 މިލިއަން ރުފިޔާ ޑިޕޮސިޓްއެއް ބަހައްޓާފައިކަމަށް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.
"ސަން" އާ ވާހަކަ ދައްކަވަމުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ ފަރަށް އެރުމުގެ ހާދިސާއިން ލިބުނު ގެއްލުންތަކުގެ ބަދަލުގައި ދައްކަންޖެހޭ ޖޫރިމަނާ އީޕީއޭއިން ނުކުރަނީސް ބޯޓުގެ ވެރިން ބޯޓު ފުރުވާލަން އެދޭނަމަ 100 މިލިއަން ރުފިޔާގެ ޑިޕޮސިޓްއެއް ދައްކަން ޖެހޭނެ ކަމަށެވެ.
"މިހާރު ޖޫރިމަނާ ކުރުމުގެ ކުރިން ބޯޓު ދާން ބޭނުންވެއްޖެއްޔާ 100 މިލިއަންގެ ޑިޕޮސިޓްއެއް ދައްކާފައި ދެވޭނީ. ސާވޭ ކޮށްފައި އަޅުގަނޑުމެން ޖޫރިމަނާ ނުކުރަނީސް ދަންޔާ 100 މިލިއަން ބަހައްޓާފައި އަދި ގެއްލުމުގެ ބަދަލަށްވާ ފައިސާ އަންޑާޓޭކިންއަށް ދީފައި ދެވޭނީ،" ނައީމް ވިދާޅުވިއެވެ.
ނައީމް ވިދާޅުވީ ބަދަލުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދެއް އިނގޭނީ ސާވޭކޮށް އެއްކޮށް ނިމުނީމާ ކަމަށާއި ސާވޭ ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށެވެ.
"ބަދަލުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދެއް އިނގޭނީ އަޅުގަނޑުމެންގެ ސާވޭ އެއްކޮށް ނިމުނީމަ. ސާވޭ ކުރަމުން މިހާރު އެދަނީ. އަޅުގަނޑުމެން އިންވެންސްޓިގޭޝަން ކޮމިޓީގެ އެންމެން މަޝްވަރާ ކުރުމަށްފަހު ނިންމި ނިންމުމެއް އެއީ. ޑިޕޮސިޓް އެއް ނުކޮށް ނުފުރޭނެ ކަމަށް،" ނައީމް ވިދާޅުވިއެވެ.
ނައީމް ވިދާޅުވިގޮތުގައި 100 މިލިއަން ރުފިޔާއަކީ ތިމާވެށި ގާނޫނުގެ ދަށުން ލިބޭ ގެއްލުމުގެ ބަދަލުގައި ޖޫރިމަނާ ކުރެވެން އޮންނަ އެންމެ ބޮޑު އަދަދެވެ.
އެ ބޯޓު ފަރަށް އަރާފައިވަނީ ބޯޓުގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އިންޖީން ނިވާލުމުން ބޯޓު ޑްރިފްޓު ވެގެން ގޮސްކަމަށް އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްގަނީ ވަނީ ވިދާޅުވެފައެވެ. ބޯޓު ފަރަށް އެރުމުގައި ބޯޓުގެ ކެޕްޓަންގެ އިހުމާލު އެބަ އޮތްކަންވެސް ހަމަދު ވަނީ ފާހަގަ ކުރައްވާފައެވެ.
ބޯޓު އުރުނު ރަސްފަރީ ފަރަކީ ހިމާޔަތް ކޮށްފައިވާ ތަނެކެވެ.