އެމެރިކާގައި ތިން ކޯހެއް ހެދުމަށް އެމްއެންޑީއެފުން ފުުރުސަތު ހުޅުވާލައިފި

ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އެމެރިކާގައި ތިން ކޯހެއް ހެދުމަށް، ކޮންމެ ކޯހަކަށް ހަ ޖާގަ އެމްއެންޑީއެފުން ހުޅުވާލައިފިއެވެ.

އެމްއެންޑީއެފުން ފުރުސަތު ހުޅުވާލީ އެމެރިކާގެ ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކެޑަމީން ހަދާ "ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކެޑަމީ (ޔޫ.އެސް.އެމް.އޭ) ކްލާސް އޮފް 2026" ކޯހާއި ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކެޑަމީން ހަދާ "ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކެޑަމީ (ޔޫ.އެސް.އެން.އޭ) ކްލާސް އޮފް 2026" ކޯހުގެ އިތުރުން ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގަރޑް އެކެޑަމީން ހަދާ "ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާރޑް އެކެޑަމީ (ޔޫ.އެސް.ސީ.ޖީ.އޭ) ކްލާސް އޮފް 2026"އެވެ.

އަންނަ އަހަރުގެ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯސްތަކުގެ މުއްދަތަކީ ހަތަރު އަހަރެވެ. ކޯސް ފުރިހަމަ ކުރުމުން ބެޗްލާސް ޑިގްރީ ލިބޭ މި ކޯސް ނިންމުމުން ކުރިއަށް ދެވޭނެ ދާއިރާތައް ވެސް އެމްއެންޑީއެފްގެ އިއުލާނުގައިވެއެވެ.

މި ކޯސްތަކަށް ކުރިމަތިލެވޭނީ އަންނަ އަހަރުގެ މެދަށް 23 އަހަރު ނުފުރޭ، ޒަވާޖީ ހަޔާތެއް ފަށާފައިނުވާ މީހުންނަށެވެ.
ކޯހަށް ކުރިމަތިލާ މީހުންނަކީ އޭ ލެވެލް ހަދާފައިވާ ނުވަތަ އޭ ލެވެލްއާ އެއްފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ މީހަކަށް ވާން ޖެހެއެވެ. އޭގެ ތެރެއިން އިސްކަން ދޭނީ ނަތީޖާ ރަނގަޅު މީހުންނަށް ކަމަށް އެމްއެންޑީއެފުން ފާހަގަކުރިއެވެ.

އޭގެ އިތުރުން ހަށިހެޔޮކަމުގެ އިމްތިހާނުން ފާސްވެފައިވާ އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ފަރާތެއްކަމުގައި ވާން ޖެހޭނެ ކަމަށާއި ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް ނުވަތަ އެމެރިކަން ކޮލެޖް ޓެސްޓިންގް ހަދާފައިވާ މީހެއް ކަމުގައި ވާން ޖެހޭކަމަށް އެމްއެންޑީއެފްގެ އިއުލާނުގައިވެއެވެ. ނަމަވެސް މި ޓެސްޓަކީ ކޯހަށް އެދި ހުށަހެޅުމަށް ފަހުވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓެކެވެ.

ހަމައެޔާއެކު އިންގްލިޝް އޭޒް އަ ފޮރިން ލޭންގުއޭޖް ޓެސްޓު ހަދާފައި ވުމަކީވެސް ކޯހަށް އެދި ހުށަހަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތެކެވެ. މި ޓެސްޓަކީވެސް ކޯހަށް އެދި ހުށަހެޅުމަށް ފަހުވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓެކެވެ.

އެހެންކަމުން ކޯހަށް ވަންނަން އެދޭ މީހުން، އަންނަ މަހުގެ ހަތްވަނަ ދުވަހުގެ މެންދުރު ދޭއް ޖެހުމުގެ ކުރިން އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިން އަށް އީމެއިލް ([email protected]) ކުރުމުން ކޯހަށް ކުރިމަތި ލެވުނީ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މީގެ އިތުރުން ކޯސް އެޕްލިކޭޝަން ފޯމު އެމްއެންޑީއެފްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އިއުލާނުގައިވެއެވެ.

comment ކޮމެންޓް