ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާ ތަމްރީނުތަކެއް ހުޅުމާލޭގައި ކުރިއަށް ގެންދިޔުމަށް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނިންމައިފިއެވެ.
ޑިފެންސް މިނިސްޓްރީން ބުނީ އެމްއެންޑީއެފްއިން ކުރިއަށްގެންދާ ތަމްރީނުތަކެއް އަންނަ އާދިއްތަ ދުވަހުން ފެށިގެން އޭޕްރީލް ފަސް ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން މި ތަމްރީނުތައް ކުރިއަށްދާނެ ދުވަސްތަކާއި ގަޑިތަކަކީ:
- ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހެއްގެ 16:00 އިން 18:00 އަށް
- ކޮންމެ އަންގާރަ ދުވަހެއްގެ 22:00 އިން އަނެއް ދުވަހުގެ 01:00 އަށް
ޑިފެންސް މިނިސްޓްރީން ބުނީ މި ތަމްރީނުތައް ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ތަމްރީނުގައި ސިފައިން ކޮމްބެޓް ގިޔަރުގައި، ހަތިޔާރާއެކު ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މީގެ ކުރިން ވެސް މިފަދަ ތަމްރީނުތައް އެމްއެންޑީއެފުން ކުރިއަށް ގެންދެއެވެ.