ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބ. މާޅޮހުގައި ކޭޝް އޭޖެންޓް ބޭންކިންގެ ހިދުމަތް ތައާރަފްކޮށް 75 ރަށަކުން ފައިސާ ޖަމާކުރުމުުގެ ހިދުމަތް ލިބޭނެހެން ހިދުމަތްތައް ގާއިމްކޮށްފިއެވެ.
ބީއެމްއެލުން ބުނީ އޭޖެންޓް ބޭންކިންގެ ބޭނުމަކީ ބީއެމްއެލްގެ ބްރާންޗެއް ނުވަތަ އޭޓީއެމެއް ނެތް ރަށްރަށުގައި އޭޖެންޓެއް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ފަހިކޮށްދިނުންކަމަށެވެ.
އެއާއެކު އޭޖެންޓުން މެދުވެކޮށް އަތޮޅުތެރޭގައި އެއްވެސް ފީ އަކާނުލާ ފައިސާ ނެގުމުގެ ހިދުމަތް ލިބެގެންދާނެއެވެ. އަދި ފައިސާ ޖާމާކުރުމާއި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ވެސް ލިބިގެންދާނެއެވެ.
ބީއެމްލުން ބުނީ ކޭޝް އޭޖެންޓުން މެދުވެރިކޮށް ދުވާލަކު 2،000 ރުފިޔާއާ ހަމައަށް ފައިސާ ނެގޭނެކަމަށެވެ. އަދި ކަސްޓަމަރަކަށް ދުވާލަކު 10،000 ރުފިޔާއާ ހަމައަށް ފައިސާ ޖަމާކުރެވޭނެކަމަށެވެ.
މި ހިދުމަތް އިފްތިތާހުކުރައްވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ހިދުމަތަކީ ރާއްޖެއަށް ބޭންކިންގެ ހިދުމަތް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ބިންގަލެއްކަމަށެވެ.
"މިއަދު މި ފާހަގަ ކުރެވެނީ އަޅުގަނޑުމެންގެ އޭޖެންޓް ބޭންކިންގ ހިދުމަތް 75 ވަނަ ރަށަށް ތައާރަފް ކުރެވޭ މުހިންމު މުނާސަބާ. މިއީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކަނޑައަޅާފައިވާ ސްޓްރެޓަޖީގެ ދަށުން ބްރާންޗެއް ނުވަތަ އޭޓީއެމް ސެންޓަރެެއް ގާއިމްކޮށްފައިވާ ރަށަކަށް ދަތުރު ކުރުމުގެ ބަދަލުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބޭންކިން ހިދުމަތް ފަސޭހަކަމާއެކު ހޯދޭނެ ނިޒާމެއް. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ކުރިޔަށް އޮތް މަސްތަކުގައި މި ހިދުމަތް މީހުން ދިރިއުޅޭ 100 ރަށަށް ފޯރުކޮށްދިނުމަށް،" ސޯޔާ ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާއެކު 20 އަތޮޅުގައި ބީއެމްއެލްގެ 35 ބްރާންޗު އެބަހުއްޓެވެ. އަދި 73 ސެލްފް ސާވިސް ބޭންކިންގ ސެންޓަރާއި، 134 އޭޓީއެމްގެ އިތުރުން 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ.
އެ ބޭންކުން ބުނީ ބޭންކުގެ އަމާޒަކީ އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ. އަދި މިއަދު ކުރެވުނު މަސައްކަތަކީ އެ އަމާޒަށް ވާސިލްވުމަށް ކުރެވުނު މަސައްކަތެއްކަމަށެވެ.