އުތުރުތިލަފަޅު އެއްބަސްވުން ގާނޫނާ ހިލާފު، އުވާލަންޖެހޭ: އިދިކޮޅު

ރާއްޖޭގައި ތިބި އިންޑިއާ އަސްކަރީ ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅުން މާލޭގައި އިއްޔެ ކުރި މުޒާހަރާގެ ތެރެއިން --- ފޮޓޯ: ޕީޕީއެމް

ދިވެހި ސަރުކާރުން އިންޑިއާއާއެކު ވެފައިވާ އުތުރުތިލަފަޅު އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފު އެއްބަސްވުމެއް ކަމަށް އިދިިކޮޅު ޕީޕީއެމް ކޯލިޝަނުން ބުނެފިއެވެ.

އުތުރުތިލަފަޅު އެއްބަސްވުން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ވަނީ އަސްކަރިއްޔާގެ އިސް ބޭފުޅުންނާ އިއްޔެ ބައްދަލުކުރައްވައިފައެވެ. ސިއްރުން ބޭއްވި އެ ބައްދަލުވުމުގައި އެމްއެންޑީއެފުން ވަނީ އެއްބަސްވުމުގެ ކޮޕީއެއް ދައްކައިފައެވެ.

މި ކަމާ ގުޅިގެން ޕީޕީއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އުތުރުތިލަފަޅު އެއްބަސްވުން ކޮމިޓީއަށް ނުދިނުމާއި ކޮމިޓީން އެ އެއްބަސްވުން ހޯދަން މަސައްކަތް ކޮށްފައި ނުވުމާ މެދު ކަންބޮޑުވާ ކަމަށެވެ.

ހަމައެއާއެކު، އެގޮތަށް އަމަލު ކުރުމަކީ އުތުރުތިލަފަޅު އެއްބަސްވުމާ ބެހޭ ގޮތުން ދިވެހި ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ފަރުވާއެއް ހޯދައިދިނުމުގައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރު ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށް އިދިކޮޅުން ބުންޏެވެ.

"މި ކޯލިޝަނުން ގަބޫލުކުރާގޮތުގައި އުތުރުތިލަފަޅުގެ އެގްރީމަންޓް ކަމަށް ބުނާ ލިޔުމެއް ސްކްރީނަކުން ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ދައްކާލުމުގެ ބަދަލުގައި އެ އެގްރީމަންޓްގައި ހުރި މާއްދާތައް ވަކިވަކިން ދިރާސާކުރުމުގެ ފުރުސަތު ހޯދުމަކީ ކޮމިޓީއަށް ލާޒިމު ކަމެއް،" އިދިކޮޅުން ނެރުނު ބަޔާނުގައިވެއެވެ.

މީގެ އިތުރުން އިދިކޮޅުން ބުނީ އިއްޔެ ކޮމިޓީއަށް ހުށަހެޅި ޕްރެސެންޓޭޝަނުން އުތުރުތިލަފަޅުގައި އިންޑިއާއިން ބޭނުންވާ ކޮންމެ ދާއިރާއެއްގެ ބަޔަކަށް ޑިޕޮލޮމެޓިކް އިމިއުނިޓީ ދީގެން، ކުރިއަށްއޮތް 15 އަހަރަށްވުރެ ގިނަ ދުވަސްތަކަކަށް ތިބެވޭނެ ކަން ހާމަވަގެން ދިޔަ ކަމަށެވެ.

"އިންޑިއާއިން ގެންނަ މީހުންގެ ތެރޭގައި އިންޑިއާ ސިފައިން ނުހިމެނޭކަމަށް ބުނެފައިނުވާއިރު، ހާއްސަކޮށް، ދިވެހި އަސްކަރިއްޔާގެ މަރުކަޒެއްގައި އިންޑިއާގެ ސިފައިންނަށް ތިބުމަށް މަގުފަހިވާ އެއްބަސްވުމެއް ހަދައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމެއްނެތި ސޮއިކުރުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ (2) އާ ހިލާފު ކަމެއް،" ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން އިދިކޮޅުން ވަނީ އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ބާރުތައް ގެއްލޭނެ ކަމަށް ބުނެ، އެ އެއެއްބަސްވުން އުވާލުމަށް އަނެއްކާވެސް ގޮވައިލައިފައެވެ.

comment ކޮމެންޓް