ގައުމުތައް ގުޅިގެން މަސައްކަތްކޮށްފި ނަމަ މޫސުމީ ބަދަލުތަކުން އަރައިގަނެވޭނެ: ޝާހިދު

އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު --

ހުރިހާ ގައުމަކުން ވެސް އެކުގައި މަސައްކަތްކޮށްފި ނަމަ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ކުރިމަތިލައި އެ ބަދަލުތައް އައުން ހުއްޓުވޭނެކަމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޗައިނާގެ ޝިންހުއާ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ މިއަދު ގައުމުތަކަށް އޮތީ މޫސުމީ ބަދަލުތަކާ ކުރިމަތިލާން މަޖުބޫރުވެފައިކަމަށެވެ. އެހެންކަމުން ދެން އޮތީ އެ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުމަށް މަސައްކަތްކުރުންކަމަށެވެ.

"ވަށައިގެންވާ ވެށިން ލިބޭ ގެއްލުންތައް އަޅުގަނޑުމެން ތަހައްމަލުކުރަމުން މި ދަނީ މީގެ ކުރިން ނުކުރާފަދަ ހިތްދަތިކޮށް. އެ ގެއްލުންތައް ފެންނަމުންދާ ހާލު. ފެން ބޮޑުވުމުގެ ހާދިސާތައް ވެސް ހިނގަނީ، ޖަންގަލިތަކުގެ ވެސް ރޯވަނީ. މިހެން ގޮސް ކިޔާ ވަރަކަށް. އަޅުގަނޑުމެން މި ކަންކަމާ ކުރިމަތިލާންޖެހޭ އެބަ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިއަދު އެ ކަންކަމުން އަރައިގަތުމަށް ޓަކައި މަސައްކަތްކުރުމަށް ބޭނުންވާ ވަސީލަތްތައް އެބަހުރިކަމަށެވެ. ނަމަވެސް އެ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މިންވަރަށް އަދިވެސް މަސައްކަތް ނުކުރެވެނީ އެ ކަންކުރުމުގެ ހިތްވަރު ނެތުމުންކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެބަޖެހޭ މިކަމާ ގުޅޭ ގޮތުން ކޮންމެވެސް ކަމެއް ކުރަން. އެ ކަަމަކީ ގައުމުތަކުގެ ރައްޔިތުންނަށް ހިތްވަރު ދިނުން. އެ މީހުންގެ ހިތުގައި ޔަގީންކަން އުފައްދައިދިނުން. އެއީ އުޖާލާ މާދަމާއަކަށް ކޮންމެހެން ވެސް މުހިންމު ކަމަކީ،" ޝާހިދު ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރުމުގެ ގޮތުން އަންނަ އަންގާރަ ދުވަހު ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. "ޑެލިވަރިން ކްލައިމެޓް އެކްޝަން: ފޯ ޕީޕަލް، ފޯ ޕްލެނެޓް، އެންޑް ފޯ ޕްރޮސްޕެރިޓީ" ނަމުގައި ބާއްވާ މަތީ ފެންވަރުގެ ބައްދަލުވުމުގައި ގިނަ ގައުމުތަކަކުން ބައިވެރިވާނެއެވެ. މި ބައްދަލުވުން އޮތީ ސްކޮޓްލޭންޑްގެ ގްލާސްގޯގައެވެ.

"އަޅުގަނޑުމެން ގްލާސްގޯއަށް މި ދަނީ އިސްލާހުކުރަން ޖެހޭ ކަންކަން އިސްލާހުކުރުމުގެ ހިތްވަރު އަޅުގަނޑުމެންގެ ކިބައިގައި ހުރިކަން ދަނެގެން،" ޝާހިދު ވިދާޅުވިއެވެ.

comment ކޮމެންޓް