މަހުމޫދުގެ މަރު: ބިދޭސީ މީހާއާއެކު އިތުރު ބަޔަކު ބައިވެރިވިކަމަށް ފާހަގައެއް ނުވޭ

މަހުމޫދު ގެއްލުނު ރޭ އަޑެއް އިވުނު ގެއެއް ބަލައިފާސްކުރަނީ ---

އދ. ދަނގެތީގައި މަރައިލައިފައި އޮއްވާ ފެނުނު މަހުމޫދު އަބޫބަކުރުގެ މަރާލުމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީމީހާގެ އިތުރުން އެހެން މީހަކު ނުވަތަ ބައެއްގެ ބައިވެރިވުން އޮތްކަމަށް ފާހަގަ ނުކުރެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަހުމޫދު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ މަރާލުމަށްފަހު ބޮލާއި ފައިގައި ގޯންޏެއް އަޅުވައި ފަޅު ގެއެއް ތެރޭގައި ހުރި ފެންވަޅެއްގެ ތެރެއަށް ވައްޓައިލައިފައި އޮއްވާ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި މި މަހުގެ 16ވަނަ ދުވަހު ހެނދުނު 10:36ހާއިރު ބަނގްލަދޭޝް ރައްޔިތެއް ކަމަށްވާ ޝާ އަލޮމް މިއާ (29) ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވާ ކަމަށެވެ. އަދި އޭނާގެ ބަންދަށް ދަނގެތީ މެޖިސްޓްރޭޓް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހައިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުގައި ޝާ އަލޮމް މިއާ ދަނގެތީގައި ދިރިއުޅެމުންދިޔަ ގެ ބަލައި ފާސްކޮށް މައްސަަލައާ ގުޅުންހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ވަޅުލައިފައިވަނިކޮށް ހޯދައިފައިވާ ކަމަށެވެ. އަދި އެތަކެތި ތަހުލީލުކުރުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފެނުނު ތަކެތީގެ ތެރޭގައި މަހުމޫދުގެ ފޯނާއި އައިޑީ ކާޑުގެ އިތުރުން މައްސަލައާ ގުޅޭ އިތުރު ހެކިތައް ހިމެނޭ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

މަހުމޫދު މަރާލުމުގައި ޝާ އަލޮމް މިއާގެ އިތުރުން އިތުރު މީހެއްގެ ނުވަތަ ބައެއްގެ ބައިވެރިވުުން އޮތްކަމަށް މިހާތަނަށް ކުރެވުނު ތަހުގީގުން ފާހަގަ ނުކުރެވޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.

comment ކޮމެންޓް