މާލެއިން ފުރައިގެން ލޯންޗެއްގައި ގާތްގަނޑަކަށް އެއް ގަޑިއިރާއި 45 މިނެޓުން ދަތުރުކޮށްފައި ދެވޭ އދ. ދަނގެތީގައި ހުންނަ ޕާލާ ދަނގެތި ހޮޓަލަކީ ޗުއްޓީ ހޭދަކޮށް، އާއިލާއެކު އުފާކޮށްލުމަށް ވަރަށް ހިތްފަސޭހަ މަންޒިލެކެވެ. އެގޮތުން ގިނަ ޚިދުމަތްތަކެއް ހެޔޮ އަގުގައި މި ހޮޓަލުން ލިބެން ހުންނަ އިރު މި ރަށަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ރަށެކެވެ.
އަރިއަތޮޅު ފަތުރުވެރިންގެ މެދުގައި މަޝްހޫރު ވެފައި އޮންނަނީ ގިނަ އަދަދެއްގެ ފެހުރިއްސާއި ތަފާތު ވައްތަރުގެ މަޑި ފެންނާތީއެވެ. އޭގެއިތުރަށް ދަނގެތިން ފުރައިގެން ތިން ވަރަކަށް މިނެޓުން ދަތުރުކޮށްފައި ދެވޭ ފިނޮޅެއް އޮވެއެވެ.
އެހެންކަމުން ދަނގެތިން އެރަށަށް ގޮސް ހިތްހަމަޖައްސާލުމުގެ ފުރުސަތު ވެސް ޕާލާ ދަނގެތި މެދުވެރިކޮށް ފޯރުކޮށްދޭނެއެވެ.

ޕާލާ ދަނގެތި ހޮޓަލް ----
އޮޅު ޖަނަވާރަށް ލޯބި ކުރާ މި ހޮޓަލުގައި ތަފާތު ބަވާތްތަކުގެ ޖަނަވާރު ގެންގުޅެއެވެ. އެގޮތުން ދެ ބުޅަލާއި ހުދު ކުލައިގެ ސާމަރާ ދޫންޏެއްގެ އިތުރުން ތިން ގޯލްޑަން ބުލޫ މަކާއު މި ހޮޓަލުގައި ގެންގުޅެއެވެ.

ޕާލާ ދަނގެތި ހޮޓަލުގައި ގެންގުޅޭ މަކާއު އެއް ----
މި ހޮޓަލުގައި ގެންގުޅޭ މަކާއުތަކަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގުދުރަތީ ގޮތުން ވިއްސައިގެން ގެންގުޅޭ މަކާއުތަކެވެ. އެހެންވެ، މި ހޮޓަލަކީ ޖަނަވާރުންނަށް ލޯބި ކުރާ މީހުން އަޖުމަ ބަލާ ނުލައި ދޫކޮށް ނުލާ ވަރުގެ ހޮޓަލެކެވެ.

ޕާލާ ދަނގެތި ހޮޓަލް ----
ޒަމާނީ ފެންވަރަށް ފަރުމާކޮށްފައިވާ މި ހޮޓަލުގައި މުޅި ޖުމްލަ 14 ކޮޓަރި ހުރެއެވެ. އޭގެތެރޭގައި ހަތަރު ސުއިޓް ކޮޓަރީގެ އިތުރުން ދިހަ ޑިލަކްސް ކޮޓަރި ހިމެނެއެވެ.
މީގެއިތުރުން، ޕާލާ ދަނގެތި ހޮޓަލުގައި އައުޓްޑޯ ސްވިމިން ޕޫލަކާއި ވަގުތުން ސީފުޑް ތައްޔާރު ކުރާ ރެސްޓޯރަންޓެއް ހުންނައިރު ވަރަށް އަވަހަށް ސްޕާގެ ޚިދުމަތް ވެސް ފަށާނެއެވެ.

ޕާލާ ދަނގެތި ހޮޓަލް ----
އެ ހޮޓަލަށް ޒިޔާރަތްކުރާ ދިވެހިންނަށް ޚާއްސަކޮށް އެ ހޮޓަލުން މިހާރު އަންނަނީ ޕްރޮމޯޝަނެއް ވެސް ހިންގަމުންނެވެ. އެގޮތުން، ޑަބަލް ބެޑް އެނދު ހުންނަ ކޮޓަރިއެއް ދެ މީހުން، ހެނދުނުގެ ނާސްތާ ހިމެނޭ ގޮތަށް ނެގުމުން ދައްކަން ޖެހެނީ ރެއަކަށް 900 ރުފިޔާއެވެ.
ސުއިޓް ކޮޓަރިއެއްގައި ތިން މީހުންނަށް 1100 ރުފިޔާއަށް ޕާލާ ހޮޓަލުގައި ތިބެވެއެވެ. މި ޕެކުގައި ވެސް ހެނދުނުގެ ނާސްތާ ހިމެނެއެވެ. މި ޕޮރޮމޯޝަން އަންނަ އޮގަސްޓު މަހު ނިޔަލަށް ކުރިއަށް ދާނެއެވެ.
މި ހޮޓަލުގައި ފަސް ރެއަށް ވުރެ ގިނައިން މަޑު ކުރާނަމަ ކައިރީގައި އޮންނަ ފިނޮޅަށް ހިލޭ ދަތުރު ދިޔުމުގު ފުރުސަތު ވެސް މި ޕްރޮމޯޝަންގެ ދަށުން ލިބެއެވެ.