ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި, 1.2 ބިލިއަން ރުފިޔާގެ މަޝްރޫއުތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް މިރޭ ކުޅުދުއްފުށީ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ, ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށް އޮތް ދެ އަހަރު ބޮޑެތި މަޝްރޫއުތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"ބަޖެޓުގައި ހިމަނައިގެން ސީދާ ބަޖެޓުން ހަރަދުކޮށްގެން 1.2 ބިލިއަން ރުފިޔާގެ ބަޖެޓަކާއެކު އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް އެބަ ހިންގަން," ރައީސް ސޯލިހު ވިދާޅުވިއެވެ.
އެ ބެޖެޓުގެ ތެރެއިން އަންނަ އަހަރު ކުޅުދުއްފުށީ ސިޓީގައި 400 ހައުސިންގ ޔުނިޓް އެޅުމަށް ނިންމާފައިވާ ކަން ރައީސް ވަނީ މިރޭ އިއުލާނު ކުރައްވާފައެވެ.
"ބޭރުގެ ފަރާތަކުން މަޝްވަރާ ކުރެވި މިރަށުގައި (ކުޅުދުއްފުށީ) 1000 ހައުސިންގ ޔުނިޓް އެޅުމުގެ އަގުގެ މަސައްކަތުގެ މަޝްވަރާ ކުރެވި ނިމުމަކާ ހިސާބަށް އައިސްފައި އޮތް ވާހަކަވެސް، މިވަގުތު ތިޔަބޭފުޅުންގެ މައުލޫމާތަށްޓަކައި އަޅުގަނޑު ދަންނަވާލަން," ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް, އެހެން ސަރުކާރުތަކާއި އެއްގޮތަށް މި ސަރުކާރުން ވެސް އަންނަނީ މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މާލެ ސަރަހައްދަށް އަމާޒުކޮށްގެން ހުޅުމާލެއާއި ގުޅީފަޅުގައި ވެސް އަންނަނީ މަޝްރޫއުތަކެއް ހިންގަމުންނެވެ.