އިންޑިއާއާ ޖެހިގަތުމަކީ އެހާ ފައިދާ ހުރިކަމެއް ނޫން: އަފީފް

އޮގަސްޓް 21، 2019: މަޖިިލިސް މާލިޔަތު ކޮމެޓީއަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު

އިންޑިއާއާ ޖެހިގަނެ ރާއްޖެއާއި އިންޑިއާގެ ގުޅުން ހީނަރުވާފަދަ ކަމެއް ކުރުމަކީ އެންމެ ފައިދާ ހުރި ގޮތް ނޫންކަމަށް ވެރިކަންކުރާ މައި ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީން އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި އޮތުމާ ދެކޮޅަށް ބޭއްވި ހިނގާލުމާ ގުޅިގެން އަފީފް "ސަން"އަށް ވިދާޅުވީ އިންޑިއާއާ ދެކޮޅަށް އަޑު އުފުލުމަށް ވުރެ އެެހެން ޝިއާރެއް ނެގުމަކީ މާ ބުއްދިވެރި ގޮތެއްކަމަށެވެ.

"އިދިކޮޅުގައި އޮންނަ އިރުގައި އަބަދުވެސް ވެރިކަމުގައި އޮންނަ މީހުންނަށް އަބަދުވެސް ކޮންމެވެސް އުނދަގުލެއް ކުރާނެ. އެއީ އެކަން އޮންނަ ގޮތް. އެހެންނަމަވެސް އެ ނޫން އެހެން އިޝޫއެއް ނެގުން އެއީ މާ ރަނގަޅު ގޮތެއް،" އަފީފް ވިދާޅުވިއެވެ.

އެއާއެކު ހުރިހާ ގައުމަކާ އެއްކޮށް ސުލްހަވެރި ގުޅުންތަކެއެއް ބޭއްވުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެންމެ އަވަށްޓެރި ގައުމާއެކު ގުޅުން ހީނަރުވުމުން ގިނަ ދަތިތަކެއް ކުރިމަތިވާނެކަމަށް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ހުރިހާ ގައުމެއްގައި ވެސް އެހެން ގައުމުތަކުގެ އަސްކަރީ ސިފައިން ގައުމުތަކުގައި ތިބޭކަމަށެވެ. އަދި އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫންކަމަށް ވިދާޅުވިއެވެ. ނަމަވެސް އެންމެ ގިނައިން ބޭރުގެ އަސްކަރިއްޔާއެއްގެ ސިފައިން ރާއްޖޭގައި ތިބީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމުގެ ތުހުމަތު އޭނާވަނީ ކުރައްވައިފައެވެ.

"ދެން އަނެއްކޮޅުން އިންޑިއާ އައުޓްއޭ ކިޔައިގެން ދައްކާ ވާހަކައިގައި މިލިޓަރީ ކޯޕަރޭޝަން އިންޑިއާއެކު ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޔާމނުގެ ވެރިކަމުގައި އެމަނިކުފާނު އިންޑިއާއަށް ވަޑަައިގެން،" އަފީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވަކި ގައުމަކާ އެއްްކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިނަމަ ގާނޫނުތަކާ ހިލާފުނުވާނަމަ އެއްބަސްވުން ތަންފީޒުކުރުމަކީ މުހިންމުކަމެއް ކަމެއްކަމަށެވެ.

މީގެ އިތުރުން އަފީފް ވަނީ އިންޑިއާ އާ ދެކޮޅު ނޫންކަމާއި ދެކޮޅު ހަދަނީ އިންޑިއާގެ ސަރުކާރުގެ އަމަލުތައް ރާއްޖެއާ މެދު ބާއްވާގޮތާ މެދުކަމަށް އިދިކޮޅުން ބުނާ ބުނުމަކީ އެއްވެސް ތާކުން ތާކު ނުޖެހޭ ވާހަކައެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

"އެއްޗެކޭ ކިޔަނީ އެ. އެހެން އެއްވެސް ކަހަލަ ހަގީގަތެއް ހުރި ވާހަކައެއް ނޫން އެއީ. ދެ ގައުމުގެ ރައްޔިތުންގެ ދޭތެރޭ ގުޅުން އުފެދިފައި އޮތީ. މިތާ ވެސް އެބައުޅޭ އިންޑިއާ ރައްޔިތުން. އެ މީހުން ނޫޅޭ މި މީހުން ނިކުތީމާ ދިމާކޮށްގެން. ނޫނީ ދިވެހިން ވެސް ދޭ އެ އިންޑިއާއަށް. އެ މީހުން ވެސް ނޫޅޭ ދިވެހިންނާ ދެކޮޅަށް ނިކުމެގެންނެއް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޔާސީ ގޮތުން ކުރާ އެ ފަދަ ކަންކަމަކީ ދެ ގައުމުގެ ރައްޔިތުންނަށް ވެސް އެނގޭ ކަންކަންކަމަށެވެ. ނަމަވެސް އިންޑިއާގެ ސަރުކާރާ ދެކޮޅު ވުމަކީ އިންޑިއާ އާ ދެކޮޅުވުންކަމަށް ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ މި ސަރުކާރާއި އެމްޑީޕީއިން، ޕީޕީއެމުން ޗައިނާއާއެކު ގުޅުން ބާއްވާ މިންވަރަށް ނުބާއްވާކަމަށެވެ. އަދި އެއީ އެމްޑީޕީއިން ޗައިނާއަށް ޖެއްސުން ކުރަންޖެހޭ ސަބަބެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އޮންނަންޖެހޭނެ ކަމެއްކަމަށެވެ. އަދި އެ އިމުގެ ތެރެއިން އިދިކޮޅަށް ވެސް ހިޔާލު ފާޅުކުރެވޭނެކަމަށެވެ. އަދި ޝުއޫރު ފާޅުކުރުމުން ނުވެސް ހުއްޓުވޭނެކަމަށް ވިދާޅުވިއެވެ. ނަމަވެސް އިންޑިއާ އާ ދެކޮޅަށް އަޑު އުފުލުން އެއީ ކުރުން އެންމެ ރަނގަޅު ކަމެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.

comment ކޮމެންޓް