ހައެއް މޭ ހަމަލާ: ހައިޝަމާއި ފަހްމީ އަދި ނާޒިމްވެސް ދައުވާ އަށް އިންކާރު ކޮށްފި

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ހަތް މީހުންގެ ތެރެއިން ތިން މީހުން ---

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މިއަހަރުގެ މެއި ހަ ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ހަތް މީހުންގެ ތެރެއިން ތިން މީހަކު މިއަދު ދައުވާތަކަށް އިންކާރުކޮށްފިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ދައުވާ އުފުލާފައިވާ ހަތް މީހުންނަކީ, ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދާއި މއ. ފޭރުގެ، މުޖާޒު އަހުމަދާއި, ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމާއި, ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ ޢަލީއާ, އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމްގެ އިތުރުން މ. ކުދެހިގެ، އިސްހާގެވެ.

އެ މީހުންގެ ތެރެއިން އަދުހަމް ފިޔަވައި ދެން ތިބި މީހުންގެ ޝަރީއަތް ކުރިއަށް ގެންދަނީ ހުޅުވާލައިގެންނެވެ. ކުށަށް އިއުތުރާފްވެ އެއްބާރުލުން ދިނުމަށް ނިންމުމުން, އަދުހަމްގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުންނެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ ހަ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާ އިއްވާފައެވެ.

އެ ހަ މީހުންގެ ތެރެއިން ހައިޝަމާއި ފަހުމީ އަދި ނާޒިމް ވަނީ ދައުވާއަށް އިންކާރު ކުރާ ކަމަށް ބުނެފައެވެ. ދިފާއުގައި ހެކި ހުށަހަޅަން ބޭނުންވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެ ތިން މީހުންގެ އިތުރުން މުޖާޒާއި ތަހްމީން އަދި އިޝްހާގުގެ ވަކީލުން ވަނީ ދައުވާއަށް ޖަވާބުދާރީވުމުގެ ކުރިން މައްސަލައިގައި ހިމެނޭ ވީޑިއޯތަކާއި ލިޔެކިޔުންތައް ދިރާސާ ކުރުމަށް އިތުރު ވަގުތު ދިނުމަށް އެދިފައެވެ. އެއީ 1200 ސަފްހާގެ ލިޔެކިޔުންތަކާއި ދެ ޓެރަބައިޓް ހާޑު ޑިސްކްގެ ވީޑިއޯ ބެލުމަށް ފަހު ނޫނީ އުފުލާފައިވާ ދައުވާއަށް ޖަވާބުދާރީވާން ދަތުކަމަށް ބުނުމުންނެވެ.

އެގޮތުން ކޯޓުގައި ތިބެގެން ވީޑިއޯތައް ބެލުމަށް ފަސް ދުވަހުގެ އިތުރުން ލިޔެކިޔުންތައް ދިރާސާ ކުރުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށް ވެސް ދިފާއީ ވަކީލުން އެދުނެވެ.

ތިން ފަނޑިޔާރުންގެ ބެންޗުން ބަލަމުންދާ އެ މައްސަލައިގައި ދިފާއުން އެދުނު ގޮތަށް ލިޔެކިޔުންތައް ދިރާސާ ކުރުމަށް އިތުރު ވަގުތު ދިނުމަށް ވަނީ ނިންމާފައެވެ. ކޯޓުގައި ތިބެގެން ދިރާސާ ކުރަން ބޭނުންވާ ވަކީލުންނަށް އެފުރުސަތު ދިނުމަށް ވެސް ނިންމިއެވެ. ދުވަސްތައް ތަރުތީބުކޮށް އިންތިޒާމު ކުރުމަށް ބެންޗުން ވަނީ އިދާރީ މޭޒާއި ހަވާލުކޮށްފައެވެ.

މީގެ ކުރިން އެ މައްސަލައިގައި ބޭއްވި އަޑުއެހުމުގައި, މުޖާޒާއި ތަހްމީން ވަނީ އުފުލާފައިވާ ދައުވާތަކަށް އިންކާރު ކުރާކަމަށް ބުނެފައެވެ.

އުފުލާފައިވާ ދައުވާތައް:

މި މައްސަލައިގައި ތުހުމަތުކުރެވޭ ތަހުމީނުގެ މައްޗަށް ހަތަރު ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއްކުރުމާއި، އެފަދަ އަމަލެއް ކުރުމަށް ރޭވުމުގެ އިތުރުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމާއި އަދި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާއެވެ.

މުޖާޒުގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއެވެ.

ހައިޝަމަށް ޖުމްލަ ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ގޮވާ ތަކެތި އެހެންތަނަކަށް ގެންދިޔުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއެވެ.

އަދުހަމަށް ހަތަރު ދައުވާ އުފުލަން ނިންމި ނަމަވެސް އޭނާ އެއްބާރުލުން ދިނުމަށް ނިންމާފައިވުމުން އޭނާއަށް އުފުލާފައިވަނީ ތިން ދައުވާއެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާއާއި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާއެވެ.

އިސްހާގަށް ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ, ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއާއި އެފަދަ އަމަލެއްގައި ބައިވެރިވުމުގެ ދައުވާ ކޮށްފައެވެ.

ފަހުމީގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

ނާޒިމްގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވިކަމުގެ ދައުވާއެވެ.

comment ކޮމެންޓް