ވެންޓިލޭޓަރު މައްސަލައިގައި އުންސުރު ހަމަ ނުވަނީ ޕީޖީގެ ތޯ ސުވާލު އުފެދޭ: އަފީފް

ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް -- ފޮޓޯ/ މަޖިލިސް

އޮޑިޓާ ޖެނެރަލްގެ އޮފީހުން ވެންޓިލޭޓަރުގެ މައްސަލަ ބަލައި ނިންމާފައި އޮތް އިރު އެ މައްސަލައިގައި މިހާތަނަށް އެކަށީގެންވާ ފިޔަވަޅެއް އެޅިފައިނުވާތީ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ މީގެ ކުރިން އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ ކޮވިޑުގެ ހާލަތުގައި ގެންނަން ހޯދި ވެންޓިލޭޓަރުތަކުގެ ވާހަކަ ކަމަށެވެ. އަދި އެ ކަން ހައްލުކުރުމަށް މިއަދާ ހަމައަށް އެކަށީގެންވާ ކަމެއް ކުރެވިފައިނުވާކަމަށް އަފީފް ވިދާޅުވިއެވެ.

"އެ މައްސަލަ އޮޑިޓް އޮފީހުން ބައްލަވައިފި. ހަމަ ޔަގީނުން ވެސް އެއޮތީ މާލިއްޔަތު ގާނޫނާ ގަވައިދާ ހިލާފަށް،" އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ އެ މައްސަލަ ބަލައި ނިންމައި، ދައުވާކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ހިސާބުން އެ މައްސަލައިގައި ވެސް އެކަށީގެންވާ ފިޔަވަޅެއް އެޅުމަށް ހުރަސް އެޅެން ފެށިކަމަށެވެ.

"ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލަކަށް އުންސުރު ހަމައެއް ނުވި. ދެން އަޅުގަނޑަކަށް ނޭނގެ، ޕްރޮސެކިއުޓާ ޖެނެރަލްގެ އުންސުރު ހަމަނުވަނީ ކަމެއް ނޫނީ މި ދަންނަވާ [ވެންޓިލޭޓަރުގެ މައްސަލައިގައި ކަން ހިނގި ގޮތުގެ]ރިޕޯޓުގެ އުންސުރު ހަމަނުވަނީ ކަމެއް،" އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އޮޑިޓް އޮފީހުން ފާހަގަކުރާ މައްސަލަތައް ހައްލުކުރުމަށް ކަމާ ގުޅުން ހުރި އިދާރާތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރުންކަމަށެވެ.

މީގެ އިތުރުން މި ކަންކަމަކީ ރަނގަަޅަށް ބަލަހައްޓަން ޖެހޭ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިނިވަން މުއައްސަސާއަކަށް ވިޔަސް "ހިތު ހުރި ގޮތަކަށް" ކަންކަން ކުރުމުގެ ފުރުސަތު ދީގެން ނުވާނެކަމަށް އަފީފް ވިދާޅުވިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ދިޔައީ އޮޑިޓް އޮފީހުގެ ބަޖެޓު ފާސްކުރުމުގެ ގޮތުން ބަހުސް ކުރުމެވެ. މި ބަހުސްގައި ބައިވެރިވި މެންބަރުން ވަނީ އޮޑިޓް އޮފީސް މިނިވަންކަމާއެކު ހިންގުމަށް އެ އޮފީހަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައިއެވެ.

comment ކޮމެންޓް