ކަނޑު ދަތުރުކުރާ އުޅަނދުތަކުގައި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ލައިފް ޖެކެޓު ނުބަހައްޓައިފިނަމަ އެފަދަ އުޅަނދުތަކުގެ ލައިސަންސް ބާތިލްކުރާނެކަން އަންގައި ޓްރާންސްޕޯޓް އޮތޯރިޓީން އިއުލާނެއް ނެރެފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ލައިފް ޖެކެޓު ބެހެެއްޓުމުގެ އިތުރުން ކަނޑު ދަތުރުކުރާ އުޅަނދުތަކުގައި ގިނަ ކަންތައްތަކެއް ފުރިހަމަ ކުރުމަށް ތިން މަސް ދުވަހުގެ މުހުލަތެއް ވަނީ ދީފައެވެ.
އެކަންކަން ފުރިހަމަ ކުރުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހެވެ. މިގޮތަށް އަންގާފައިވަނީ މިދުވަސްކޮޅު ރާއްޖެއަށް މޫސުން ގޯސްވުމުގެ ސަބަބުން ދިމާވެފައިވާ އެކިއެކި ކަނޑު މަތީގެ ހާދިސާތަކާ ގުޅިގެންނެވެ.
ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ކަނޑުމަތީގައި ހިތްދަތި އެތައް ހާދިސާތަކެއް ވަނީ ހިނގާފައެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު މާލެ އިން ފުރައިގެން ވ. ފުލިދުއަށް ދަތުރުކުރި ލޯންޗެއް އޮޅުވެލި ރިސޯޓް ކައިރިން ދިޔަވެ އަޑިއަށްގޮސް އެކަކު މަރުވެ، ހަތަރު އަހަރުގެ ކުޑަކުއްޖަކު ވަނީ ގެއްލިފައެވެ.
މީގެ އިތުރުންވެސް، މާލެ އިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރި ބޯޓަކުން ޒުވާނަކު ކާށިދޫ ކަނޑަށް ވެއްޓިފައިވެއެވެ. އެ މީހާ ގެއްލުނީ ކާށިދުއާ ހަ ނޯޓިކަލް މޭލު ބޭރުން ކަމުގައިވީ ނަމަވެސް އޭނާ ވަނީ ސަލާމަތުން ފަތާފައި ކ. ކާށިދުއަށް އަރާފައެވެ.
އެކަންކަމާ ގުޅިގެން ލައިފް ޖެކެޓް ހަމަކުރުމުގެ އިތުރުން ލައިފް ބޮއި ބެހެއްޓުން ވެސް ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިއުލާނުގައި ވަނީ ލާޒިމްކޮށްފައެވެ.
މީގެއިތުރުން ކަނޑުގައި ދުއްވާ އުޅަނދުތަކަށް ބޭނުންވާނެ ތިން ސެޓްފިކެޓެއް ހަދަން ވަނީ އަންގާފައެވެ. އެއީ އޮއިލް ޕޮލިއުޝަން އެންޑް ޕްރިވެންޝަން ސެޓްފިކެޓާއި ނުރައްކާތެރި މުދަލާއި ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމާ ބެހޭ ސެޓްފިކެޓްގެ އިތުރުން ސުވޭޖް ސެޓްފިކެޓެވެ.
އުޅަނދުފަހަރު މަރާމާތު ކުރުމަށް އެހެލުމަށްފަހު ދޫކުރާ ލިޔުން ޓްރާންސްޕޯޓް އޮތޯރިޓީން ނެގުމަށް ވެސް އެ އިއުލާނުގައި އަންގާފައިވެއެވެ.
ކެޕްޓަނުންނާއި، ފަޅުވެރިން އަދި މެރިން މެކޭނިކުންގެ އަތުގައި ޓްރާންސްޕޯޓް އޮތޯރިޓީއިން ގަބޫލު ކުރާ ލައިސަންސާއި ސަނަދުތައް އޮތުންވެސް ވަނީ މަޖުބޫރުކޮށްފައެވެ.
އުޅަނދުތަކުގައި ބޮޔަންޓް އެޕަރޭޓަސް ހުރުމުގެ އިތުރުން ވެސަލް ޓްރެކިން ޑިވައިސްވެސް ހަރުކުރުން ވަނީ ލާޒިމްކޮށްފައެވެ. އުޅަނދުގެ މެނިފެސްޓު އެނގެން އޮތުމާއެކު ކެޕްޓަނާއި ފަޅުވެރިންގެ މެޑިކަލް އަދި ވަޒީފާގެ އެއްބަސްވުން ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހެޅުން ވެސް ލާޒިމްކޮށްފައިވެއެވެ.
މިކަންކަން އެންމެ ފުރަތަމަ މަޖުބޫރު ކުރުމަށް މަސަައްކަތް ފެށީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހދ. ނޮޅިވަރަންފަރުން ފުރައިގެން ދަތުރު ކުރި ލޯންޗެއް ބަންޑުންޖަހާލައި އެއިން ދަތުރުކުރި ފަސް މީހަކު މަރުވި ހާދިސާއާ ގުޅިގެންނެވެ.
އެ ހާދިސާއަށްފަހު ލައިފް ޖެކެޓް މަޖުބޫރުކުރުމަށް ގޮވާލަން ފެށިނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އެވާހަކަތައް ހުއްޓުނެވެ.
މިއަދު އަނެއްކާވެސް ލައިފް ޖެކެޓް މަޖުބޫރު ކުރުމުގެ ވާހަކަ ދެކެވެން ފެށީ ދާދިފަހުން ކަނޑުމަތީގައި ހިނގި ނުރައްކާތެރި ހާދިސާތަކާ ގުޅިގެންނެވެ.