އދ. ދިގުރަށުން ފުރައިގެން މާލެ ދަތުރުކުރި "ހުވަން" ނަމަކަށް ކިޔާ ލޯންޗެއް މިދިޔަ އާދިއްތަ ދުވަހު ދިޔަވެ ހިނގި ބިރުވެރި ހާދިސާ ފެންނަ ވީޑިއޯއެއް މިއަދު ސޯޝަލްމީޑިއާގައި ދައުރުވެއްޖެއެވެ.
މުޅި ރާއްޖެއަށް ވެސް މޫސުން ގޯސް ދުވަހެއްގައި، މި ހާދިސާ ހިނގި ވަގުތު އެ ލޯންޗުގައި 45 ފަސިންޖަރުންނާއި ތިން ފަޅުވެރިން ތިއްބެވެ.
ސޯޝަލްމީޑިއާގައި ދައުރުވާ ވީޑިއޯގައި ފެންނަނީ ފަތުރުވެރިން ދަތުރުކުރި ލޯންޗު ފުރަތަމަ ދިޔަވި ވަގުތު ކަންތައް ހިނގި ގޮތެވެ. އެގޮތުން، ލޯންޗުގައި ތިބި އެންމެން ލައިފްޖެކެޓު އަޅަން އަވަސްވެގަންނަ މަންޒަރު ވީޑިއޯއިން ފެނެއެވެ.
އެއް ބަޔަކު ކޮޅަށް ދެތުވެ މަސައްކަތް ކުރީ އެންމެންނަށް ލައިފް ޖެކެޓު ފޯރުކޮށްދިނުމަށެވެ. ދެވަނަ ވީޑިއޯއިން ފެންނަނީ އެންމެން ކަނޑުވެފައި ތިބި މަންޒަރެވެ.
މާކަނޑުގެ ބިޔަ ރާޅުތަކުތެރޭ އެންމެން ތިބީ ލައިފްޖެކެޓު އަޅައިގެންނެވެ. އެއް ބަޔަކު ބޮއެތަކުގައި ހިފައިގެން ތިބި އެވަގުތަކީ ފުލުހުން ވެސް އެ ސަރަހައްދަށް އައި ވަގުތެވެ.
ފުލުހުންގެ ލޯންޗު އެމީހުންނާ ގާތްކުރާ މަންޒަރު ވީޑިއޯއިން ފެންނަ އިރު، ފަތުރުވެރިއަކު އަތުގެ އިޝާރާތުން ހުރިހާކަމެއް ރަނގަޅުކަމަށް ބުނާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.
މި ހާދިސާ ހިނގި ގޮތް ހުވަން ލޯންޗުގެ ފަޅުވެރިއަކު ވަނީ "ސަން"އާ ހިއްސާކޮށްފައެވެ. އެއީ އޭނާ ދިޔަ ދަތުރެއް ނޫން ނަމަވެސް، ހާދިސާ ހިނގި ގޮތް އޭނާއަށް ތަފުސީލުކޮށް އެނގެއެވެ.
އޭނާ ބުނީ، ހާދިސާ ހިނގަން މެދުވެރިވީ ލޯންޗަށް ރާޅެއް އަރައި އިންޖީނު ހުއްޓުމުގެ ސަބަބުން ކަމަށެވެ. އަދި ލޯންޗު ދިޔަވާން ފެށުމާއެކު އެންމެން ލައިފްޖެކެޓު އަޅައި، ސަލާމަތަށްޓަކައި މޫދަށް ފުންމާލިކަމަށް އޭނާ ބުންޏެވެ.
ހާދިސާ ހިނގުމާއެކު ލޯންޗުން ރަށަށް ގުޅައި އެ ސަރަހައްދަށް އިތުރު ލޯންޗެއް ފޮނުވައިދޭން އެދުނު ކަމަށާއި އެ ހާދިސާ ފުލުހުންނަށް ވެސް ވަގުތުން ރިޕޯޓު ކުރިކަމަށް އޭނާ ބުންޏެވެ.
"ވަރަށް އަވަހަށް ޕޮލިސް އެޓެންޑުވި. ރަށުން ވެސް ފުރަން ރެޑީވެފައި އޮތް ލޯންޗެއް ވަގުތުން އެކޮޅަށް ދިޔަ،" އޭނާ ބުންޏެވެ.
އޭނާ ބުނީ ކަނޑުވެފައިތިބި މީހުން ދެ ލޯންޗަށް ނަގައިގެން ދިގުރަށަށް ގެނައި އިރު، އެންމެންގެ ހާލު ރަނގަޅު ކަމަށެވެ. އަދި ދެމީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދިން ކަމަށް އޭނާ ބުންޏެވެ.
"އެ ދެމީހުން ތިބީ ވަރަށް ވަރުބަލި ވެފައި. ބިރުވެސް ގަނެފަ ތިބީ. ދެން ތިބި މީހުންގެ ހާލު ރަނގަޅު،" އޭނާ ބުންޏެވެ.
ހާދިސާ ހިނގި ދުވަހު ފުލުހުން ބުނީ، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ ފުރިހަމަ ތަހުގީގެއް ކުރަމުން އަންނަ ކަމަށެވެ.
އެ ހާދިސާގައި ކަނޑުވި މީހުން ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ތައުރީފު ކުރައްވައި ޝުކުރު އަދާ ކުރައްވާފައި ވެއެވެ.
ޚާއްސަކޮށް ސީޕީ ވަނީ ރަމަޟާން މަހުގެ ދުވަހެއްގެ ހެނދުނުގެ ވަގުތުގައި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި އޮފިސަރުން ދެއްކި ނަމޫނާއަށް ޝުކުރު އަދާކުރައްވައި، އެ މަސައްކަތާމެދު ފަޚުރުވެރިވާކަމަށް ވިދާޅުވެފައެވެ. އަދި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރި މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވައި، ސަލާމަތްކުރުމުގެ މަސައްކަތް ވިލަރެސްކުރުމުގައި ކޮށްފައިވާ މަސައްކަތް ވެސް ސީޕީ ފާހަގަ ކުރެއްވިއެވެ.
މި ހާދިސާ ހިނގީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމަލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން އިރުޝާދު ދީފައި ވަނިކޮށެވެ.