ހޯމް މިިނިސްޓަރު ހުންނެވީ ޒިންމާ އަދާކުރެއްވޭ ވަރަށްވުރެ ބަލިކަށިވެފައި: އާދަމް ޝަރީފް

މަޖިލީހުގެ ގެލަރީ -- ފޮޓޯ/ މަޖިލިސް

މިއަދު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހުންނެވީ އެމަނިކުފާނުގެ ޒިންމާ އަދާކުރެވޭ މިންވަރަށްވުރެ ބަލިކަށިވެފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ މިނިސްޓަރުގެ ޒިންމާތައް އަދާނުކުރެވޭނެ ފަދަ ގޮތަކަށް ކަންކަން ރޭވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމަށެވެ. އަދި އެއީ ސަރުކާރުގެ މަސައްކަތްތައް ވަރަށް ބޮޑަށް "ކޮކްޓެއިލް"ވެ އެކުވެގެން ކުރިއަށް ދިއުމަށް މަގުފަހިވާނެކަމެއްކަމަށެވެ.

"ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ ވޯޓު އަޅުގަނޑުމެން އިދިކޮޅުން ނަގަން އުޅުނީމާ އެމްޑީޕީއިން ވަރަށް ވަރު ދައްކާފައި އެމަނިކުފާނު ދިފާއުކުރި ވަޒީރެއް އެއީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ފުލުހުންގެ މުވައްސަސާ ވަކިކޮށްފައިވާކަން އަންގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފޮނުވައްފައިވާ ސިޓީއެއް ލީކުވެފައިވަނީ އިއްޔެއެވެ. އެއާއެކު އާދަމް ޝަރީފް ވަނީ މިނިސްޓަރު އިމްރާން އާ މެދު ކަންކަން ވަމުން އަންނަ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން އޭނާ މަޖިލީހަށް ހުށަހެޅުއްވި މައްސަލައަށް ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ މީގެ ކުރިން ވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަމުން އަންނަކަމަށެވެ. ނަމަވެސް މިއަދު އެތެރެކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެ މި މައްސަލައިގެ ސީރިއަސްކަން ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ.

"ކަންބޮޑުވަނީ ހާއްސަކޮށް މި ދުވަސްވަރުގެ ތެރޭގައި މަސްތުވާތަކެތި އެތެރެކުރާ މިންވަރު ނުވަތަ އަދަދު ވަރަށް ބޮޑަށް އިތުރުވުމާ އެކީގައި އަދި ހަމައެއާއެކީގައި ޕޮލިހުން މި ކަންކަމާ ގުޅޭ ފަރާތްތައް ބޮޑެތި އަދަދުތަކުން ހިފަހައްޓަމުން ދިޔަޔަސް އެކަމާ ގުޅޭ ފަރާތްތަކާ ދޭތެރޭ އެކަށީގެންވާ ފިޔަވަޅެއް ނާޅާތީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮންމެ މީހަކު ކުރި ކަމުގައިވީ ނަމަވެސް މިއީ ސީރިއަސް މައްސަލައެއްްކަމަށެވެ. އަދި އެކަށީގެންވާ ފިޔަވަޅު އަޅަން ޖެހޭނެކަމަށެވެ. އަދި އެކަން ކުރެވޭނީ މުޅި ދައުލަތުން އެކަން ހައްލުކުރުމަށް މަސައްކަތްކޮށްގެންކަމަށް ވިދާޅުވިއެވެ. ނަމަވެސް މިހާރު ސަރުކާރު އޮތް ހާލަތުން މާ ބޮޑު ފިޔަވަޅުތަކެއް އެޅޭނެކަމަށް ގަބޫލްނުކުރައްވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ވަނީ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ބަހުސްކުރައްވާފައެވެ. އެގޮތުން މެންބަރު އިމްތިޔާޒް ފަހުމީ ވެސް ވަނީ މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރެވޭ ފަރާތްތައް ފަސޭހަކަމާއެކު ދުވޫގެން ދާ މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

comment ކޮމެންޓް