ރައީސް ނަޝީދު، އެމްއެންޔޫގެ ފޮތް މައުރަޒަށް ޒިޔާރަތް ކުރައްވައިފި

ގައުމީ ޔުނިވާސިޓީން ބާއްވާ ފޮތް މައުރަޒަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޒިޔާރަތްކުރެއްވުން --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ގައުމީ ޔުނިވަރސިޓީގެ ފޮތް މައުރަޒަށް ޒިޔާރަތް ކުރައްވައި, އެތަން ބައްލަވާލައްވައިފިއެވެ.

ދިވެހި ލިޔުންތެރިންނަށް ހާއްސަ ކޮށްގެން، އެމްއެންޔޫގައި ކުރިއަށް ގެންދާ ފޮތް މައުރަޒަށް، ރައީސް ނަޝީދު ޒިޔާތް ކުރެއްވީ މިރޭގެ ވަގުތެއްގައެވެ. ރައީސް ނަޝީދުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް މައުރަޒަށް ޒިޔާރަތް ކުރެއްވިއެވެ.

ގައުމީ ޔުނިވާސިޓީން ބާއްވާ ފޮތް މައުރަޒަށް ރައީސް ނަޝީދު ކުރެއްވި ޒިޔާރަތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއެކު --- ފޮޓޯ/ މަޖިލިސް

ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސަލަރު (ރިސާޗް އެންޑް އެންޓަޕްރައިސް) އައިޝަތު ޝެހެނާޒް އާދަމް "ސަން"އަށް ވިދާޅުވީ މައުރަޒު ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ދިވެހި ލިޔުންތެރިންގެ ފޮތްތައް، ކިޔުންތެރިންނާ ހަމައަށް ފޯރުކޮށްދޭނެ ޕްލެޓްފޯމެއް ފަހިކޮށްދިނުން ކަމަށެވެ.

އޭނާ ވިދާޅުވީ މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބަހައްޓާ ފޮތްތައް ވިއްކޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް، ފޮތް ގަތުމުގެ ފުރުސަތު އޮންނާނެ ކަމަށް ޝެހެނާޒް ވިދާޅުވިއެވެ.

ޝެހެނާޒް ވިދާޅުވީ ގާތްގަނޑަކަށް 1،300 އެއްހާ ފޮތް އެ މައުރަޒުގައި ބައިވެރި ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެކި ނަންނަމުގައި އަލަށް ފޮތް ލިޔަން ފެށި ތޭވީހަކަށް ބުކް ކޮމިއުނިޓީ، އެބަ އުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ގައުމީ ޔުނިވާސިޓީން ބާއްވާ ފޮތް މައުރަޒަށް ރައީސް ނަޝީދު ޒިޔާރަތްކުރެއްވުން --- ފޮޓޯ/ މަޖިލިސް

"މައުރަޒު އޮންނާނީ މި އާދީއްތައިން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް. ހެނދުނު ނުވައަކުން ބާރައަށް. މެންދުރުފަހު ދޭކުން ހަޔަކަށް. ދެން ރޭގަނޑު އަށަކުން ދިހައަކަށް،" ޝެހެނާޒް ވިދާޅުވިއެވެ.

މިއީ ދިވެހި ލިޔުންތެރިންނަށް ހާއްސަ ކޮށްގެން، އެމްއެންޔޫ އިން ބާއްވާ މިފަދަ ފުރަތަމަ މައުރަޒެވެ. ޝެހެނާޒް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރަކު ވެސް މިފަދަ މައުރަޒެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް