ކީރިތި ރަސޫލާގެ އީދު މީލާދު ފާހަގަކުރުމަކީ ބިދުއައެއް ކަމަށް ގުރުއާނުގައި ނެތް: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އީދު މީލާދު ފާހަގަކުރުމަކީ ބިދުއައެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވެފައިވާއިރު، ރަސޫލާގެ އީދު މީލާދު ފާހަގަކުރުމަކީ ބިދުއައެއް ކަމަށް ބުނެ ބައެއް ދީނީ އިލްމުވެރިން ވަނީ އެކަމާ ދެކޮޅަށް ވާހަކަދައްކަވައިފައެވެ.

ރައީސްގެ މައުމޫންގެ ލިޔުއްވުމެއް ހިއްސާކުރައްވައި، މައުމޫން މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރަސޫލާގެ އީދު މީލާދު ފާހަގަކުރުމަކީ ބިދުއައެއް ނޫން ކަމަށާއި އެއީ މަކްރޫހަ ކަމެއް ވެސް ނޫން ކަމަށެވެ. އަދި އެއީ މުސްލިމުން ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށް މައުމޫން ވިދާޅުވެފައިވެއެވެ.

މައުމޫން ހިއްސާކުރެއްވި ލިޔުއްވުމުގައި މައުމޫން ވިދާޅުވީ ޒަމާނުއްސުރެ އިސްލާމީ ގައުމުތަކުގައްޔާއި ރާއްޖޭގައި މި ދުވަސް ފާހަގަކުރަމުން އަންނަ ކަމަށާއި އެހެންނަމަވެސް ބިދުއައެއް ކަމަށް ބުނެ ރާއްޖޭގައި މި ދުވަސް ފާހަގަ ނުކުރާ ކަމަށެވެ.

މިއީ މާ ބޮޑު ބުރަދަނެއް ހުރި ވާހަކަތަކެއް ނޫން ކަން ފާހަގަކުރައްވާ މައުމޫން އިތުރަށް ވިދާޅުވީ މި ދުވަސް ފާހަގަކުރުމަކީ ހަރާމްކަމެއް ކަމަށް ބުނާ އެއްވެސް އާޔަތެއް ގުރުއާނުގައި ވެސް ނެތް ކަމަށާއި އެފަދަ ދަލީލެއް ރަސޫލާގެ ސުންނަތުގައި ވެސް ނެތް ކަމަށެވެ. އެހެންކަމުން މި ދުވަސް ފާހަގަކުރުމަކީ ހަރާމް ކަމެއް ކަމަށް ބުނާނެ އެއްވެސް ދަލީލެއް ނެތް ކަމަށް މައުމޫން ވިދާޅުވިއެވެ.

މީގެ އިތުރުން ކުރިން ކުރެވިފައިނުވާ ކަމެއް، އެކަމުގެ ފައިދާއަށްޓަކައި ދީނުގެ އަސްލުތަކާ ހިލާފު ނުވާނޭހެން ކުރުމަކީ ބިދުއަ އަކަށް ނުވާނޭ ކަމަށް ވެސް މައުމޫން ވިދާޅުވެފައިވެއެވެ.

މައުމޫން މިފަދައިން ވިދާޅުވެފައިވާއިރު، ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވަނީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އާއި އަދި އެކަލޭގެފާނު ދެކެ އިންތިހާއަށް ލޯބިވެވަޑައިގެންނެވި އެއްވެސް ޞަޙާބީ ބޭކަލަކު އެކަލޭގެފާނުންގެ އުފަންދުވަސް ފާހަގަ ކުރައްވައިފައިނުވާ ކަމަށް ވިދާޅުވެފައެވެ.

ޒައިދު ވިދާޅުވީ އީދު މީލާދު ފާހަގަކުރުމަށް ދީނުގައި ކުޑަ ވެސް އިރުޝާދެއް ދެއްވައިފައިނުވާ ކަމަށެވެ.

މީގެ އިތުރުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ވަނީ ރަސޫލާ އުފަންވެވަޑައިގަތް ދުވަހަކީ ކޮން ދުވަހެއް ކަން ތާރީހުގެ އިލްމުވެރިންނަށް ޔަގީން ނުވާ ކަމަށާއި ޔަގީންވަނީ ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދުވަހަކީ އެކަލޭގެފާނު ސުވަރުގެ ވަޑައިގެންނެވި ދުވަސް ކަން ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް