ކަނޑޫދޫގައި ފުޑް ސެކިއުރިޓީ ޕްރޮގްރާމާއި ފާޓިގޭޝަން ސިސްޓަމް އިފްތިތާހުކޮށްފި

އޮކްޓޯބަރު 15، 2021: ތ. ކަނޑޫދޫގައި ފުޑް ސެކިއުރިޓީ ޕްރޮގްރާމާއި ފާޓިގޭޝަން ސިސްޓަމް ރައީސުލްޖުމްހޫރއްިޔާ އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހުކޮށްދެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ދަނޑުވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ތ. ކަނޑޫދޫގައި ފުޑް ސެކިއުރިޓީ ޕްރޮގްރާމާއި ފާޓިގޭޝަން ސިސްޓަމް ރައީސުލްޖުމްހޫރއްިޔާ އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހުކޮށްދެއްވައިފިއެވެ.

ފުޑް ސެކިއުރިޓީ ޕްރޮގްރާމް، ކަނޑޫދޫގައި ފައްޓަވަމުން ރައީސްވަނީ ކަނޑޫދޫގެ ތިން ދަނޑުވެރިއަކާ ގަސް ހަވާލުކޮށްދެއްވާފައެވެ.

އަދި ރައީސް ވަނީ ފާޓިގޭޝަން ޕްރޮގްރާމް އިފްތިތާހުކުރައްވައި، އޯގަނިކް ގަސްކާނާއާއި ބޭހުގެ ޕެކޭޖު ވެސް ކަނޑޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ހަވާލުކޮށްދެއްވާފައެވެ.

ފާޓިގޭޝަންއަކީ ފެންދޭ ދިނުމުގައި ނުވަތަ ފެނާއެކު ގަހަށް ގަސްކާނާ ފޮރުކޮށްދިނުމެވެ.

މި މަސައްކަތަކީ ގަސްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތެކެވެ. އެގޮތުން މި މަސައްކަތުގެ ބޭނުމަކީ ގަސް ގަހަށް ޖެހޭ ބަލިތަކުން ގަސް ރައްކާތެރިކުރުމަށް ކެމިކަލްގެ ބަދަލުގައި އެހެން ބާވަތްތައް ކަނޑޫދުއަށް ތައާރަފުކުރުމެވެ.

މީގެ އިތުރުން ރައީސް ވަނީ ދުވަހާ ގުޅުވައިގެން ތައްޔާރުކޮށްފައިވާ ކާބޯތަކެތީގެ މައުރަޒު ވެސް ހުޅުވައިދެއްވާފައެވެ.

އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، އެގްރޯނެޓުން ތައްޔާރުކޮށްފައިވާ ދަނޑުވެރިކަމާގުޅޭ އަތްމަތީފޮތެއް ރައީސް ނެރެދެއްވިއެވެ. ކަނޑޫދޫ ކައުންސިލުން އިސްނަގައިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިންރިސޯސަސް އެންޑް އެގްރިކަލްޗާ އާ ގުޅިގެން މި ކުރިޔަށްގެންދާ މި މައުރަޒަކީ ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ބާވަތްތައް އިސްތިހާރުކުރުމަށް މަގުފަހިކޮށްދިނުމަށް ބާއްވާ މައުރަޒެކެވެ. އަދި ކާބޯތަކެތީގެ ބާވަތްތައް އެއްތަނަކުން ފެންނާނެހެން ހަދައިދިނުމެވެ.

ރައީސް ސޯލިހު ކަނޑޫދުއަށް މިހާރު ކުރައްވާ ދަތުރުފުޅަކީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެ މަނިކުފާނު މާލެ ވަޑައިގަންނަވާނީ މާދަމާއެވެ.

comment ކޮމެންޓް