ބޮލީވުޑްގެ ކުޅަދާނަ ދެ އެކްޓަރުން ކަމަށްވާ ކާތިކް އާރްޔަން އާ ކްރިތީ ސެނަން އެކުގައި ފެނިގެންދާ އާ ފިލްމު "ޝެހެޒާދާ" ރިލީޒްކުރާ ތާރީޚު އިއުލާންކޮށްފިއެވެ.
މިއީ އެދެތަރިން އެކުގައި ލީޑު ރޯލު ކުޅޭ ދެވަނަ ފިލްމެވެ. ޝެހެޒާދާ ރިލީޒްކުރާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ވަރުން ދަވަންގެ ބޭބެ ރޯހިތު ދަވަން ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ ފިލްމެކެވެ.
މި ފިލްމަކީ ތެލެގޫ ޑްރާމާ "އާލާ ވައިކުންތަޕުއްރަމުލޫ" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. ބަތަލާ ކްރިތީ އާ ކާތިކް އެކުގައި ކުޅުނު ފުރަތަމަ ފިލްމަކީ 2019 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ލުކާ ޗުއްޕި" އެވެ. އެ ފިލްމަށް ލިބުނު ކާމިޔާބީއަށް ބަލައި އެ ފިލްމުގެ ދެވަނަ ބައި އާންމުންނާ ހަމައަށް ގެނެސްދޭން ވަނީ ނިންމާފައެވެ.
ބަތަލާ ކްރިތީ އެންމެ ފަހުން ފެނިގެންދިޔައީ ނެޓްފްލިކްސްގައި ސްޓްރީމްކުރި "މީމީ" އިންނެވެ. އެ ފިލްމަށް ވެސް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ. އެކްޓަރު ކާތިކް ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު "ދަމާކާ" އިންނެވެ. އެ ފިލްމަކީ ވެސް ނެޓްފްލިކްސްގައި ސްޓްރީމްކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.