ފިލްމު 'ހިންމަތުވާލާ'އަށް ފަހު އަޖޭ އާއި ތަމަންނާގެ އިތުރު ފިލްމެއް

ބަތަލާ ތަމަންނާ އެކްޓަރު އަޖޭ ދޭވްގަންއާ އެކު--ފޮޓޯ/ޕިންކްވިލާ

ބޮލީވުޑް އެކްޓަރު އަޖޭ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ފިލްމު "ރޭންޖާ"ގެ ކާސްޓަށް ބަތަލާ ތަމަންނާ ބާޓިއާ ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިއީ މަޝްހޫރު ފިލްމު "މިޝަން މަންގަލް"ގެ ޑައިރެކްޓަރު ޖަގަން ޝަކްތީ އުފައްދާ ފިލްމެކެވެ. ޖަންގަލް އެޑްވެންޗާ ފިލްމެއްގެ ގޮތުގައި އުފައްދާ "ރޭންޖާ"ގެ ކާސްޓާ ބަތަލާ ތަމަންނާ ގުޅިފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު ތަޖުރިބާކާރު އެކްޓަރު ސަންޖޭ ދަތު ވެސް ވަނީ ފިލްމުގެ ކާސްޓާ ގުޅިފައެވެ.

އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ފިލްމަކީ ހޮލީވުޑްގެ ކާމިޔާބު ފްރެންޗައިޒް "އިންޑިއާނާ ޖޯންސް" ސްޓައިލްއާ ދާދި އެއްގޮތަކަށް އުފައްދާ ފިލްމެކެވެ. މި ފިލްމުގެ ލީޑް ބަތަލާ އަކަށް ތަމަންނާ ހަމަޖައްސަން ނިންމިއިރު ބަތަލާ ވަނީ އަޖޭ ދޭވްގަންއާ އެކު ފިލްމު "ހިންމަތުވާލާ"ގައި ވެސް މަސައްކަތްކޮށްފައެވެ.

ބަތަލާ ތަމަންނާ, އަޖޭ ދޭވްގަން އަދި ސަންޖޭ ދަތު--ފޮޓޯ/ޕިންކްވިލާ

ޖަންގަލް އެޑްވެންޗާއަކަށް ވުރެ ބޮޑަށް މި ފިލްމަކީ ބޮޑު ބަޖެޓަކުން އުފައްދާ ފިލްމަކަށްވެފައި ޖަންގަލީގެ ބޮޑު ސަރަހައްދެއް އެކްސްޕްލޯ ކުރެވޭނެ ފިލްމަކަށްވާތީ އަޖޭ ވަނީ މި ފިލްމުގެ މަސައްކަތް ފަށަން ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށް ޕިންކްވިލާގައި ވަނީ ބުނެފައެވެ.

މަޝްހޫރު ކޮމެޑީ ފިލްމުތައް ގެނެސްދޭ ލަވް ފިލްމްސްއިން ޕްރޮޑިއުސްކުރާ "ރޭންޖާ"އަކީ ފިލްމު "ދޭ ދޭ ޕިޔާރު ދޭ"އަށްފަހު އަޖޭ ލަވް ރަންޖަންއާ އެކު ވެސް މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. އަޖޭ ފިލްމުގައި ފޮރެސްޓް އޮފިސަރެއްގެ ރޯލްއިން ފެންނާނެއިރު އެކްޓަރު ސަންޖޭދަތު ފިލްމުގައި ކުޅެނީ ވިލެންއެއްގެ ރޯލްއެވެ.

މި އަހަރު ފަހުކޮޅު "ރޭންޖާ"ގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނައިރު ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުއެވެ.

comment ކޮމެންޓް