އިންޑިއާގެ އެންމެ ކާމިޔާބު ފިލްމު އުފެއްދުންތެރިންގެ ތެރޭ ހިމެނޭ ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރު ފުރަތަމަ ފަހަރަށް ރާއްޖެ ޒިޔާރަތްކޮށްފިއެވެ.
އިންޓަނެޓުގައި އެންމެ ގިނަ ބަޔަކު ޓްރޯލްކުރާ ކާމިޔާބު ޑައިރެކްޓަރު ރާއްޖެ އައިސްފައިވާ ކަމަށް ބެލެވެނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަކަން ބަޔާންކޮށް ކަރަން ވަނީ އޭނާ ޗުއްޓީ ހޭދަކުރުމަށް މަޑުކޮށްލައިގެން ހުރި ޖުމެއިރާ އޮޅަހަލި އައިލޭންޑް ރިސޯޓުގެ ބައެއް މަންޒަރުތައް ސޯޝަލްމީޑިއާގައި ވެސް ހިއްސާކޮށްފައެވެ.
ޗުއްޓީ ހޭދަކުރުމަށް ކަރަން ރާއްޖެ އައީ ކޮން ބަޔަކާ އެކު ކަމެއް ނުވަތަ އާއިލާއާ އެކު ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އިންޑިއާގެ އެންމެ ނުފޫޒުގަދަ ފިލްމު ޕްރޮޑިއުސަރުންގެތެރޭ ހިމެނޭ ކަރަން ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސްފައިވާއިރު އޭނާ ވަނީ ރާއްޖޭގެ 'ނޮވެމްބަރު 3'ގެ ހާދިސާގެ މައްޗަށް ބިނާކޮށް ފިލްމެއް އުފައްދަން ނިންމިކަން ތަންކޮޅެއް ކުރިން އިއުލާނުކޮށްފައެވެ.
ސަލްމާން ޚާންއަށް ލީޑް ރޯލް ހުށަހެޅި މި ފިލްމުގެ ނަމަކީ "ދަ ބުލް"އެވެ. ފިލްމުގައި ސަލްމާން އަސްކަރީ އޮފިސަރެއްގެ ރޯލް ކުޅެން ނިންމާ އެ ރޯލަށް ތައްޔާރުވުމުގެ މަސައްކަތް ފެށިތަނާހެން ފިލްމުގެ މަސައްކަތް ހުއްޓުމަކަށް ވަނީ ގޮސްފައެވެ.
އެ ދުވަސްވަރު އިންޑިއާ އާއި ރާއްޖެއާ ދެމެދު ގުޅުން ގޯސްވެ ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލާ ކެމްޕޭންތައް ފެށުމާ އެކު މި ފިލްމުގެ މަސައްކަތް ވަގުތީ ގޮތުން ވަނީ މެދުކެނޑިފައެވެ.

ކަރަން ސަލްމާން ޚާންއާ އެކު--ފޮޓޯ/ޕިންކްވިލާ
މި ފިލްމުގެ ވަރަށް ބޮޑު ބައެއް ރާއްޖޭގައި ޝޫޓުކުރާނެ ކަމަށް އޭރު ވާހަކަ ދެކެވި ފިލްމާ މެދު ދިވެހީން ވެސް ވަރަށް ބޮޑު ޝައުގުވެރިކަމެއް އޭރު ފާޅުކުރިއެވެ. ރާއްޖެ އާއި އިންޑިއާގެ ސިޔާސީ ގުޅުން ހަމައަކަށް އެޅި މިފަހަކަށް އައިސް ރާއްޖެ ޒިޔާރަތްކުރަމުން އަންނަ އިންޑިއާގެ ސެލެބްރިޓީންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ދެ ޤައުމުގެ ގުޅުން ރަނގަޅުވި ނަމަވެސް ކަރަންގެ ފިލްމުގެ މަސައްކަތް ފަށާނެ ވަކި ދުވަހެއް މިހާތަނަށް އިއުލާނުކޮށްފައެއް ނުވެއެވެ.