ބޮލީވުޑްގެ މަގުބޫލު ޑައިރެކްޓަރު އަދިތިޔަ ދާރް ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދަން ނިންމާފައިވާ ފިލްމުގެ ލީޑް އެކްޓަރަކަށް ރަންވީރު ސިންގް ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ފިލްމަކީ ދާދިފަހުން ޕާކިސްތާނުގައި ހިނގި ހައި ޕްރޮފައިލް މީހެއް އަވަހާރަކޮށްލުމުގެ ހާދިސާއާ ގުޅުންހުރި ފިލްމެއް ކަމަށް ބައެއް ރިޕޯޓުތައް ބުނާއިރު ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ހިންގަމުން އަންނަ ހަމަނުޖެހުންތަކާއި ސިއްރު އޮޕަރޭޝަންތަކުގެ ވާހަކަ މި ފިލްމުގައި ކިޔައިދޭނެ ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.
ޕާކިސްތާނުގައި ޓެރަރިޒަމާ ގުޅިގެން ޖަލު ހުކުމެއްގައި ހުރި އެ ޤައުމުގެ ޝައިޚް ޙާފިޒް ސަޢީދާ ވަރަށް އަރިސް ފަރާތެއް ކަމަށްވާ އަބޫ ޤާތަލް އަވަހާރަކޮށްލި ހާދިސާގެ މައްޗަށް ބިނާކޮށް ޑައިރެކްޓަރު އަދިތިޔަ ފިލްމެއް އުފައްދަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ބުނި ނަމަވެސް އެކަން އަދިތިޔަގެ ފަރާތުން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އަދިތިޔަ ފިލްމު "އުރީ:ދަ ސަޖިކަލް"ގެ ޝޫޓިންގްތެރޭ އެކްޓަރު ވިކީ ކޯޝަލްއާ އެކު--ފޮޓޯ/އެމްއެސްއެން
އަދިތިޔަ އަކީ އާއްމުކޮށް މިލިޓަރީ އޮޕަރޭޝަންސްތަކަށް ބިނާކޮށް ފިލްމު އުފައްދާ ޑައިރެކްޓަރެއް ކަމުން ޕާކިސްތާނުގައި ހިނގި މި ހާދިސާއާ ގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތަކުގެ އިންޓެލިޖެންސް އޮޕަރޭޝަންސްތަކަށް އަދިތިޔަގެ ޝައުގުވެރިކަން ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބޮލީވުޑްގެ އެންމެ ޑިމާންޑު ބޮޑު އެކްޓަރުންގެތެރޭ ހިމެނޭ ރަންވީރު ސިންގް ލީޑް ރޯލްއަށް ގެންނަން ރާވާފައިވާ އަދިތިޔަގެ މި ފިލްމަކީ ސީދާ ޕާކިސްތާނުގެ ހާދިސާއާ ގުޅުން ނެތް ފިލްމަކަށްވިޔަސް ފިލްމު އުފައްދާނީ އެ ހާދިސާގެ މައްޗަށް އަލިއަޅުވާލުމަށްފަހު ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.
ޖިއޯ ސްޓޫޑިއޯއާ ގުޅިގެން އުފައްދަން ތައްޔާރުވަމުން އަންނަ މި ފިލްމުން ރަންވީރުގެ އިތުރުން ސަންޖޭ ދަތު، އަރުޖުން ރާމްޕާލްއަކްޝަޔޭ ކަންނާ އަދި އާރް މާދަވަން (މެޑީ) މުހިއްމު ރޯލްއިން ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބޮލީވުޑް ބަތަލާ ޔާމީ ގޯތަމްގެ ފިރިމީހާ އަދިތިޔަ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމު "އުރީ: ދަ ސަޖިކަލް"އަށް 2019ވަނަ އަހަރު ހަތަރު ކެޓަގަރީއަކުން ނެޝަނަލް އެވޯޑު ވަނީ ލިބިފައެވެ. އޭގެތެރޭގައި އެ އަހަރުގެ އެންމެ މޮޅު ޑައިރެކްޓަރުގެ ކެޓަގަރީ ވެސް ހިމެނެއެވެ.