ޑާކްރެއިންގެ "ވާށޭ މަށާއެކީ"ގެ ދެވަނަ ބައެއް ގެނެސްދެނީ؟

ވާށޭ މަށާއެކީގެ ބައެއް ތަރިން --

މީގެ ހަ އަހަރު ކުރިން ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދިން ވަރުގަދަ ފިލްމު "ވާށޭ މަށާއެކީ"ގެ ދެވަނަ ބައެއް ގެންނަން އުޅޭކަމުގެ އިޝާރާތެއް ޑާކްރެއިނުން ދީފިއެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ފިލްމުގެ ދެވަނަ ބައެއް ގެންނަން އުޅޭ ކަމަށް ވާހަކަދެކެވޭ ކަމަށާއި މިފަހަރުގެ ފިލްމު ބޮޑަށް އަމާޒު ކުރާނީ މުހައްމަދު ފައިސަލް އާ މަރީޒް ގޯމޭޒް ގެ ވާހަކައަށެވެ. މި ފިލްމުގެ ފުރަތަމަ ބައިން ވެސް މަރީޒް ފެނިގެން ދިޔައިރު މި ފިލްމުގެ ދެވަނަ ބައި ކުޅެން މިހާރު އޭނާ ވަނީ އެއްބަސްވެސްވެފައެވެ.

މޮގާ ބުނީ ފިލްމުގެ ދެވަނަ ބައެއް ހަދަން މަޝްވަރާކުރެވެމުން އަންނައިރު މި ފަހަރުގެ ފިލްމު ވެބް ފިލްމެއްގެ ގޮތުގައި ގެނެސްދޭން ވާހަކަދެެވެމުން އަންނަކަމަށެވެ. ސަބަބަކީ ފިލްމެއް ހަދައިފިނަމަ އެ ފިލްމު މިދުވަސްވަރުގައި އޮލިމްޕަހުގައި އެޅުވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތުމުން ކަމަށެވެ. މިހާރު ވެސް ޑާކްރެއިންގެ ގިނަ ފިލްމުތަކެއް އޮލިމްޕަސް ނުހުޅުވާތީ ރިލީޒްނުކުރެވި އެބަހުއްޓެވެ.

ބަތަލާ މަރީޒް---

"ވާށޭ މަށާއެކީ" ގައި ހަރަކާތްތެރިވި ދެ ލީޑު ތަރިންނަކީ މަރިޔަމް މަޖުދާ އާއި މުހައްމަދު ޖުމައްޔިލް އެވެ. އެ ފިލްމުގައި ފެނިގެންދަނީ ވަރަށް ކާމިޔާބު ދިރިއުޅުމެއް އުޅެން ބޭނުންވާ ފިރިހެން ކުއްޖަކާއި، މީހަކާ އިނދެގެން ވަރަށް ބައިވަރު ދަރިން ހޯދަން ބޭނުންވާ އަންހެން ކުއްޖެކެވެ.

ވާށޭ މަށާއެކީ ވެގެންގޮސްފައިވަނީ ދިވެހި ފިލްމު އެވޯޑްސްގައި ބައިވެރިކުރި 17 ފިލްމުގެ ތެރެއިން އެންމެ މޮޅު ފީޗާ ފިލްމަށެވެ. މި ފިލްމަށް ވަނީ އެފަހަރުގެެ ފިލްމު އެވޯޑު ހަފްލާގައި އަށް އެވޯޑު ލިބިފައެވެ. މުހައްމަދު އަލީ އާއި އައިޝަތު ފުއާދު ތައުފީޤު ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމުގައި ޖުމައްޔިލް އާއި މަޖޫގެ އިތުރުން މުހައްމަދު ފައިސަލް އާއި އާމިނަތު ނޫރާ، އަލީ ޝަޒްލީމު، ހަމްދާން ފާރޫގު ފަދަ ތަރިން ފެނިގެންދިޔައެވެ.

comment ކޮމެންޓް