ރާއްޖެއާއި ސްރީލަންކާއާ ދެމެދު ކަނޑު އުޅަނދުފަހު ބަނުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގައި ހުންނަ ލަންކާ ހައިކޮމިޝަނާއި ރާއްޖޭގެ ނޭޝަނަލް ބޯޓިން އެސޯސިއޭޝަންގެ އިސްވެރިންނާއެކު ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަމުން ލަންކާގެ އެކްސްޕޯޓް ޑިވެލޮޕްމަންޓް ބޯޑުގެ މެމްބަރު ޗިތަރަންޖަލީ ޑިސަނަޔެކެ ވިދާޅުވީ މިއީ ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް
ލިބޭ ފުރުސަތެއްކަމަށެވެ. އަދި ކަނޑުދަތުރުފަތުރުގެ ދާއިރާއިން ފަތުރުވެރިކަން ކުރިއަށް ގެންދިއުމަކީ އެ ގައުމުން އިސްކަންދޭ ކަމެއްކަމަށެވެ.
އެއާއެކު ރާއްޖޭގެ ބޯޓިން އެސޯސިއޭޝަންގެ ރައީސް އަހްމަދު އަފްރާހް ވިދާޅުވީ ބޯޓު ބަނުމުގެ ދާއިރާއަކީ ރާއްޖޭގައި އޮތް ފަތުރުވެރިކަމާ ވެސް ގުޅި ލާމެހިފައިވާ ދާއިރާއެއްކަމަށެވެ. އެގޮތުން ސަފާރީތަކުގެ މަަސައްކަަތަކީ ވެސް ފަތުރުވެރިކަމާ ގުޅިފައިވާ ކަމެއްކަމަށެވެ.
އަދި އެއާއެކު ދެ ގައުމު ގުޅިގެން ތަޖުރިބާ ހިއްސާކޮށް އެކުގައި މަސައްކަތްކުރުމުގެ ގޮތުން އެއްބަސްވުމެއްގައި ސޮއިކުރުމަށް އެ އެސޯސިއޭޝަނުން ޝައުގުވެރިވާކަމަށް ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން ރާއްޖޭގައި ލަންކާގެ އިންވެސްޓްމަންޓުތައް އިތުރުކޮށް، ޖޮއިންޓް ވެންޗާ ހަދާ، ގުޅުންތައް ބަދަހިކުރުމަށް ވެސް ވަނީ މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމަކީ ރާއްޖޭގެ ފޮރިން މިނިސްޓްރީއާއި ލަންކާގެ އެކްސްޕޯޓް ޑިވެލޮޕްމަންޓް ބޯޑުން ގުޅިގެން އިންތިޒާމްކުރި ބައްދަލުވުމެކެވެ.