ހައިރައިޒް އިއްސޭ އެމްޑީޕީއަށް ސޮއިކުރައްވައިފި

މޯލްޑިވްސް ބޯޓިން އެސޯސިއޭޝަންގެ ރައީސް އިސްމާއިލް ހަމީދު، އެމްޑީޕީއަށް މިއަދު ސޮއިކުރައްވައި ރައީސް ޞާލިޙަށް ފޯމު ހަވާލުކުރެއްވުން--

ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)ގެ ރައީސް އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ)، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް މިއަދު ސޮއިކުރައްވައިފިއެވެ.

އެމްޑީޕީއަށް ސޮއިކުރައްވާ އޭނާގެ ފޯމު ހަވާލުކޮށްފައި ވަނީ، ދެވަނަ ދައުރަކަށް ކެމްޕޭނު ކުރައްވަމުން ގެންދަވާ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެވެ.

މިކަމާ ގުޅިގެން އިސްމާއިލް ވިދާޅުވީ، އެމްޑީޕީއާ ގުޅުނީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ހޯއްދަވައިދިނުމުގައި ބައިވެރިވެ މަސައްކަތް ކުރުމަށް ކަމަށެވެ.

އިސްމާއިލް ވިދާޅުވީ، ރައީސް ޞާލިޙަކީ ހުރިހާ ޚިޔާލެއްގެ މީހުންނާއެކު މަސައްކަތް ކުރާ އަދި އެއްވެސް މީހަކު ބާކީ ނުކޮށް އެކުގައި މަސައްކަތްކުރުމުގެ ގާބިލްކަން ހުރި ބޭފުޅެއް ކަމަށެވެ.

"ހަޅޭއްލަވައިގެން ކަންކަން ކުރަން ނުޖެހޭނެކަން އެމަނިކުފާނު ހާމަކޮށްދެއްވައިފި،" އިސްމާއިލް ވިދާޅުވިއެވެ.

ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެ، ރާއްޖެ އަކީ ޓޫރިޒަމް ދާއިރާގައި ދުނިޔޭގެ އެއް ވަނަ ގައުމުގެ ގޮތުގައި ވިދިވިދިގެން ތިން އަހަރު ބާއްވައިފި ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް އަކީ، ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްގެ ޅިޔަނެކެވެ.

އެހެންނަމަވެސް އެމްއެންޕީއަށް ތާއީދުކުރުމުގެ ބަދަލުގައި އެމްޑީޕީއަށް ސޮއިކުރެއްވީ މަސައްކަތް ކުރުމުގައި ވެސް ފަސޭހަތަކެއް ވާތީ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

comment ކޮމެންޓް