މިއަހަރުގެ ބޯޓިން އެވޯޑުގައި އެންމެ ގިނަ އެވޯޑު އެމްޓީސީސީއަށް

ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބޭއްވި ގައުމީ ބޯޓިން އިންޑަސްޓްރީގެ މިއަހަރުގެ ބޯޓިން އެވޯޑު ރަސްމިއްޔާތު-- ފޮޓޯ/ ބޯޓިން އެސޯސިއޭޝަން

ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ގައުމީ ބޯޓިން އިންޑަސްޓްރީގެ މިއަހަރުގެ ބޯޓިން އެވޯޑުގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް ގިނަ އެވޯޑުތަކެއް ލިބިއްޖެއެވެ.

ކުރުނބާ މޯލްޑިވްސް ރިސޯޓުގައި މިއަދު ހަވީރު ކުރިއަށް ދިޔަ ބޯޓިން އެވޯޑު ރަސްމިއްޔާތުގައި ބޯޓިން އިންޑަސްޓްރީގެ އެކި ދާއިރާތަކުން ނޮމިނޭޓްވި ފަރާތްތަކަށް، ކުންފުނީގެ ބައިންނާއި އަމިއްލަ ފަރާތްތަކުގެ ކެޓަގަރީން ވަނީ 39 އެވޯޑެއް ދީފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ކޮމިޝަނާ ޖެނެރަލް ޔޫސުފް މާނިއު މުޙައްމަދެވެ.

މޯލްޑިވްސް ބޯޓިން އެވޯޑްގެ މި އަހަރުގެ އެވޯޑު ހަފުލާގައި ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީއަށް ވަނީ ޖުމްލަ ފަސް އެވޯޑެއް ލިބިފައެވެ. އެގޮތުން ކުންފުނީގެ ބައިން އެމްޓީސީސީއަށް ލިބުނު އެވޯޑުތަކުގެ ތެރޭގައި:

  • މެރިން އިންޖިނިއަރިން ސާވިސް ޕްރޮވައިޑާ އޮފް ދަ އިޔާ
  • ޑޮކްޔާޑް/ ސްލިޕްވޭ އޮފް ދަ އިޔާ
  • މޯސްޓް ޕްރިފާޑް މެރިން އިންޖީން ބްރޭންޑް އޮފް ދަ އިޔާ (މެއިން އިންޖީން)
  • ބެސްޓް ލޯކަލް ފެރީ ސާވިސް ޕްރޮވައިޑާ

ބޯޓިން އެވޯޑު ހަފްލާ ޝަރަފުވެރިކޮށްދެއްވާ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވާހަކަދައްކަވަނީ-- ފޮޓޯ/ ބޯޓިން އެސޯސިއޭޝަން

އަމިއްލަ ފަރާތްތަކުގެ ކެޓަގަރީތަކުގެ ބައިން އެމްޓީސީސީއަށް ލިބިފައި ވަނީ ބެސްޓް އިންޖިނިއަރިން އެވޯޑެވެ. މި އެވޯޑް ހާސިލްކޮށްފައި ވަނީ އެ ކުންފުނީގެ އަހުމަދު ސާޖިދެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީސީސީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ދަތުރުފަތުރުގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެވެ. އެމްޓީސީސީއަކީ ކަނޑުދަތުރުފަތުރުގެ އިތުރުން އެއްގަމު ދަތުރުފަތުރުގައިވެސް ރާއްޖޭގައި އެންމެ ނަގާކިޔާ އެއް ކުންފުންޏެވެ.

މިއަހަރުގެ ބޯޓިން އެވޯޑުގެ މޯސްޓް ޕްރިފާޑް އިންޝުއަރެންސް ޕާޓްނަރަކަށް ހޮވިފައި ވަނީ އެލައިޑް އިންޝުއަރެންސެވެ.

ކޮވިޑަށް މެދުކެނޑުމަށް ފަހު މިދިޔަ އަހަރު ބޭއްވި ބޯޓިން އެވޯޑުގައި ވެސް އެންމެ ގިނަ އެވޯޑު ހާސިލްކޮށްފައި ވަނީ އެމްޓީސީސީންނެވެ. އެގޮތުން އެފަހަރު އެ ކުންފުނިން ވަނީ ނުވަ އެވޯޑެއް ހާސިލުކޮށްފައެވެ.

ބޯޓިން އެސޯސިއޭޝަނުން ބުނީ މިފަހަރު އެވޯޑު ލިބުނު ފަރާތްތައް ހޮވާފައި ވަނީ އޮންލައިންކޮށް ލިބޭ ވޯޓުތަކާއި ޖަޖުންގެ ޕެނަލްއަކުން ދިން މާކްސްއަށް ބެލުމަށްފަހު ކަމަށެވެ.

މި އެވޯޑަކީ 2016 ވަނަ އަހަރުން ފެށިގެން ދެމުންއަންނަ އެވޯޑެކެވެ.

comment ކޮމެންޓް