ރާއްޖެ ވަޑައިގަތީ ތިން ދުވަހަކަށް ނޫން: ރައީސް ނަޝީދު

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި -- ފޮޓޯ: އަހްމަދު އައިމަން އަލީ

ރާއްޖެ ވަޑައިގަތީ ތިން ދުވަހަށް ކަމަށް ބުނެ ނޫސްތަކުން ފަތުރައިފައިވާ ހަބަރުތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދޮގުކުރައްވަައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ ވަޑައިގަތީ އެންމެ ތިން ދުވަހަށްތޯ ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ތިން ދުވަހަށް ރާއްޖެ ވަޑައިގަތް ކަމަށް ނިންމީ ނޫސްވެރިން ކަމަށެވެ.

"އަޅުގަނޑު އައީ ތިން ދުވަހަށް ކަމަށް ނިންމެވީ ނޫސްވެރިން. އެއީ އެއްވެސް ތަނެއްގައި އަޅުގަނޑު ދެއްކި ވާހަކައެއް ނޫން. އެހެންވީމާ އަޅުގަނޑު ދެންނެވޭނީ މިހާރު ތިން ވަނަ ދުވަސް މިއީ. މިއަދު ފުރާ ގޮތަކަށް ހަމަޖެހިފަކައެއް ނެތް," ނަޝީދު ވިދާޅުވިއެވެ.

ތިން ދުވަހަށް ވަޑައިގެންނެވި ކަމަށް ބުނާ ވާހަކަ ދޮގުކުރެއްވި ނަމަވެސް ވަޑައިގެންނެވީ ކިހާ ދުވަހަކަށް ކަން ހާމަކުރައްވަން ނަޝީދު ވަނީ ދެކޮޅު ހައްދަވާފައެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް ފަހު ހުންނަވަނީ ހޮޓެލް ޖެންގައެވެ.

އެކަމާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ ހޮޓެލް ޖެންގައި މަޑުކުރައްވަނީ ސަރުކާރުން މަޖިލީހުގެ ރައީސަށް ހަމަޖައްސާ ރަސްމީގެކޮޅުގެ މަސައްކަތް ނިމެންދެން ކަމަށެވެ. ޖެން ހޮޓެލުގައި ހުރުމުގެ ހުރިހާ ހަރަދެއް ވެސް ހަމަޖައްސައިފައިވަނީ ސަރުކާރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ހޮޓެލު ޖެންގައި ހުންނަން ޖެހިވަޑައިގަތް ނަމަވެސް ބޭނުންފުޅު ވަނީ އަމިއްލަ ގޭގައި މަޑުކުރައްވަން ކަމަށެވެ.

"އަޅުގަނޑުގެ ގެއެއް ހުރޭ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން އެ ގޭގައި އަޅުގަނޑަށް ހުރެވޭނެ ގޮތް ވުން. އެހެންނަމަވެސް އެމްއެންޑީއެފަކުން މިހާރަކު މިވަގުތަކު އެ ޖާގަ ދޭކަން ތައްޔާރަކަށް ނޫން ތިބީކީއެއް. މިގޮތަށް އަޅުގަނޑު ވަކީން ތަނެއްގައި ބެހެއްޓުން އެއީ ސަލާމަތްތެރިކަން ބޮޑު ކަމެއްގެ ގޮތުގައި އެ ބޭފުޅުން ދެކެނީ," ނަޝީދު ވިދާޅުވިއެވެ.

މިހާރު ލިބިވަޑައިގަންނަވާ ސެކިއުރިޓީއާ މެދު ހިތްހަމަ ޖެހިވަޑައިގަތް ނަމަވެސް އެ މަނިކުފާނުގެ ދެ ދަރީން އެ ކަމާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މޭ މަހުގެ ހަވަނަ ދުވަހު ޓެރަރިސްޓު ހަމަލާއެއް ދީފައި ވަނީ އެމަނިކުފާނު ދިރިއުޅޭ ގ. ކެނެރީގޭ ކައިރީގައި ހުރި ސައިކަލެއްގައި އީއައިޑީއެއް ގޮއްވާލައިގެންނެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދާއި މއ. ފޭރުގެ، މުޖާޒު އަހުމަދުގެ އިތުރުން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް ގެ މައްޗަށެވެ. މި ހަތަރު މީހުންގެ ޝަރީއަތް މިހާރު ވަނީ ފަށާފައެވެ.

comment ކޮމެންޓް