ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ވެރިކަމެއްްގައި ރާއްޖޭގައި ޖަލުތަކެއްް ނުހުންނާނެކަމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ރާއްޖެއަކީ ސުލްހަވެރި އަމާން ގައުމެއްކަމަށެވެ. އެހެންކަމުން ރާއްޖޭގައި ޖަލުތަކެއް ހުރުމުގެ މާ ބޮޑު ބޭނުމެއް އޮތްތޯ ވަނީ ސުވާލު އުފައްދަވާފައެވެ.
"ދެން ޑީއާރްޕީގެ ވެރިކަމެއްގައި އަޅުގަނޑުމެން ޖަލެއް ނުބަހައްޓާނަން. މިކަހަކަ ހެވަން އެއްކަހަލަ ގައުމެއްގައި ކީއްކުރަންތޯ ޖަލު ބަހައްޓަންވީ،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ޖަލުތަކުގެ ބަދަލުގައި ރާއްޖޭގައި ހިންގަންވީ ރިހެބިލިޓޭޝަން ސެންޓަރުތައް ކަމަށެވެ. އަދި ޖަލުތަކުގައި ތިބި މީހުން ދޫކޮށްލުމަށް ވެސް ޖާބިރު ގޮވައިލިއެވެ. އަދި އެމްޑީޕީގެ ވެރިކަމެއްގައި ޖަލުތަކުގައި ތިބި މީހުން ރިހެބިލިޓޭޓްކުރުމަށް ރިހެބިލިޓޭޝަން ސެންޓަރުތައް ގާއިމްކުރާނެކަމަށް ވައުދުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިއަދު ވެރިކަން ލިބިފައި އޮތް އިރު ވެސް ވައުދު ނުފުއްދެނީ ކީއްވެތޯ އޭނާ ސުވާލުކުރެއްވިއެވެ.
"މިއަދު މިއޮތީ ވެރިކަން ލިބިފައި ނޫންތޯ. ކީއްވެތޯ އަފޫ އާންމު ވެސް ނުދީ މިއޮތީ. ތިން ހަތަރު ބޮޑުން ދޫކޮށްފައި ދެން ތިބި މީހުން ޖަލުގައި ބައިތިއްބައިގެން މިދާ ކަންތައްތަކަކީ ރަނގަޅުކަމެއް ނޫނެއްނޫންތޯ،" ޖާބިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޯޓުތަކުން ފަނޑިޔާރުން ހުކުމް ކުރާއިރު ވެސް އިންސާފުވެރިކަމާއެކު ހުކުމްކުރަން ޖެހޭކަމަށެވެ. އަދި އެކަން ޔަގީން ކުރަން ޖެހޭނެކަމަށެވެ. ހަމައެއާއެކު އިންސާނީ ކަރާމަތް ގެއްލޭނެހެން އެއްވެސް ކަމެއް ކޯޓުތަކުން ކޮށްގެން ނުވާނެކަމަށް ވިދާޅުވިއެވެ.
މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ވަނީ ޖަލުތަކުގައި ގައިދީންނާމެދު އަމަލުކުރެވެމުން އަންނަ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކާފައެވެ. އަދި ޖަލުތަކުގައި އިސްލާހުކުރަންވީ ކަންކަމާމެދު ވެސް ވަނީ ބަހުސްކޮށްފައެވެ.