ޖާބިރު ޑީއާރްޕީއިން އިސްތިއުފާ ދެއްވައިފި

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު: އެއްވެއުޅުމުގެ މިނިވަންކަން ހަނިކުރާ ގާނޫނަށް މިދިޔަ ސަރުކާރުން ގެނައި އިސްލާހު ބާތިލް ކުރުމަށް ވަނީ ހުށަހަޅާފައި --- ފޮޓޯ: މަޖިލިސް

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގައި ލީޑަރުކަން ކުރައްވަމުން އައި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެ ޕާޓީން ވަކިވެވަޑައިގެން އާ ޕާޓީއެއްގެ މަސައްކަތް ފައްޓަވައިފިއެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން ޖާބިރު މިއަދު ވިދާޅުވީ، އޭނާ "ގްރީން ޕާޓީ"ގެ ނަމުގައި އުފައްދަވާ ޕާޓީ ރަޖިސްޓްރީކުރަން އިލެކްޝަންސް ކޮމިޝަނުން މިހާރު ހުއްދަ ދީފައިވާކަމަށެވެ.

"އަޅުގަނޑަކީ މިހާރު ޑީއާރްޕީ މީހެއް ނޫން. ދެން ކުރިއަށްދާނީ ގްރީން ޕާޓީއާއެކު. އަމާޒަކީ ދިވެހިރާއްޖޭގައި ސިޔާސީ ކަންކަން ވާންކޮށް ގެންދިއުން. އެ ޕާޓީގެ ހުރިހާ ފަލްސަފާތަކާއި ސިޔާސަތުތަކާ އެއްގޮތަށް ކުރިއަށް ދިއުން،" ޖާބިރު ވިދާޅުވިއެވެ.

މެންބަރުންގެ އަދަދު ހަމަކުރަން އިލެކްޝަންސް ކޮމިޝަނުން ދިން މުއްދަތުގައި މެންބަރުން ހަމަނުކުރެވުނު ކަމަށް ބުނެ، އެ ކޮމިޝަނުން ވަނީ ޑީއާރުޕީ އުވާލައިފައެވެ.

އާ ޕާޓީއެއް އުފައްދަވަނީ، ޑީއާރްޕީ އުވާލަން ނިންމި ނިންމުން ބާތިލުކުރުމަށް އެ ޕާޓީން ހައިކޯޓަށް ހުށަހެޅި މައްސަލަ ވެސް ބޭރުކޮށްލުމުންނެވެ.

ޖާބިރު ޑީއާރްޕީއަށް ސޮއިކޮށް، އެ ޕާޓީގެ ލީޑަރުކަމުގެ މަގާމަށް ހަމަޖެއްސީ 2019ވަނަ އަހަރުގެ ތެރޭގައެވެ.

ޑީއާރްޕީ އުފެދިގެން އައީ 2005 ވަނަ އަހަރުގެ ޖުލައި 21 ވަނަ ދުވަހުއެވެ. ޑީއާރްޕީ އަކީ ރާއްޖޭގައި އުފެދުނު ދެވަނަ ސިޔާސީ ޕާޓީއެވެ. ޕާޓީގެ އެންމެ ފުރަތަމަ ލީޑަރަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.

ގިނަ ޕާޓީތަކަށް ބައިވެރިވެވޭ ގޮތަށް 2009 ވަނަ އަހަރު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި ޕާޓީ އަކީ ވެސް ޑީއާރްޕީ އެވެ. އެއީ 28 ގޮނޑި އެވެ.

ނަމަވެސް މިހާރު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޑިއާރްޕީ ތަމްސީލު ކުރައްވާ ހަމައެކަނި މެމްބަރު ޖާބިރު އެ ޕާޓީން އިސްތިއުފާދެއްވުމާއެކު ދެން އެ ޕާޓީ ތަމްސީލުކުރާނެ މެމްބަރެއް ނުހުންނާނެއެވެ.

comment ކޮމެންޓް