ޑީއާރުޕީގެ ދަރަނީގެ މައްސަލައިގައި މައުމޫނާ ދެކޮޅަށް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައެއް ނުގަތް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

އުވާލާފައިވާ ޑީއާރުޕީގެ ދަރަނީގެ މައްސަލައިގައި ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާ ދެކޮޅަށް ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.

ރައީސް މައުމޫންގެ ޒައާމަތުގައި ޑީއާރުޕީއިން ކުރި ބައެއް ޚަރަދުތަކަށް ފައިސާ ދައްކާފައި ނުވާތީ އެމްޓީސީސީން ހުށަހެޅި މައްސަލައަކާ ގުޅިގެން 2010 ވަނަ އަހަރު ސިވިލް ކޯޓުން ވަނީ އެ ޕާޓީން އެމްޓީސީސީއަށް 1.1 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފައެވެ. ނަމަވެސް އެ ފައިސާ ނުދެއްކުމުން ޑީއާރްޕީގެ ބޭންކް އެކައުންޓުތަކުން ޝަރީއަތަށް ނަގައިދެވުނީ އެންމެ 2،609 ރުފިޔާއެވެ.

އެއަށްފަހު އެމްޓީސީސީން ނިންމީ، ޕާޓީގެ ދަރަންޏަށް ޒިންމާވާނީ ޕާޓީ އުފެދުނު އިރު ހުރި ޕާޓީގެ އެންމެ އިސް ފަރާތް ކަމަށް ސިޔާސީ ޕާޓީތަކުގެ ގަވައިދުގައި ބުނެފައިވާތީ، އެ މައްސަލައަށް ރައީސް މައުމޫން ތަދައްޚުލް ކުރުމަށެވެ.

ނަމަވެސް އެ މައްސަލައިގައި މިމަހުގެ ދެވަނަ ދުވަހު ސިވިލް ކޯޓުން ނިންމީ ޑީއާރުޕީގެ ދަރަނި މައުމޫނު ދައްކަވަން ނުޖެހޭނެ ކަމަށެވެ. އެ ހުކުމް އެމްޓީސީސީން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުމުގައި ބުނެފައިވަނީ، މި މައްސަލަ އިސްތިއުނާފަށް ހުށަހެޅީ ވަގުތު ފާއިތުވި ފަހުން ކަމަށެވެ.

ހައިކޯޓުން ބުނީ، މި މައްސަލަ އިސްތިއުނާފު ކުރަން މިމަހުގެ ނުވައެއްގެ ނިޔަލަށް ހުށަހަޅަން ޖެހޭ ކަމަށެވެ. ނަމަވެސް އެމްޓީސީސީން މައްސަލަ އިސްތިއުނާފްކުރުމަށް ހުށަހަޅާފައިވަނީ، މިމަހުގެ 10 ވަނަ ދުވަހު އީމެއިލް މެދުވެރިކޮށް ކަމަށް ވުމުން މައްސަލަ ބަލައިނުގަނެވޭނެ ކަމަށެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ޑީއާރުޕީގެ ދަރަނީގެ ގޮތުގައި އެމްޓީސީސީއަށް ދައްކަންޖެހޭ ފައިސާ މައުމޫނު ދައްކަވަންޖެހޭ ކަމަށް އަމުރުކުރާނޭ ތަނެއް ނެތްކަމަށެވެ. އެއީ، މީގެ ކުރިން އެ ކޯޓުން ވަކި ގޮތަކަށް ހުކުމްކޮށް ދަރަނި ސާބިތުކޮށްފައި ވަނިކޮށް، އެ މައްސަލައިގެ ތެރޭގައި ނުހިމެނޭ ފަރާތަކަށް ޒިންމާ ބަދަލުކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ ކަމަށް ނިންމުމުގައިވެއެވެ.

މީގެ އިތުރުން މިފަދަ ހާލަތްތަކުގައި އެހެން ފަރާތެއް ދަރަންޏަށް ޒިންމާކުރެވޭނީ އެ ފަރާތެއްގެ ރުހުން ލިބުމުން ކަމަށާއި ނަމަވެސް މައުމޫން މިކަމަށް ރުހުން ނުދެއްވާތީ، އެ އެއް މިލިއަން ރުފިޔާ ދައްކަން އެމަނިކުފާނުގެ މައްޗަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށް ހުކުމުގައިވެއެވެ.

ރާއްޖޭގައި ދެވަނައަށް އުފެއްދި ސިޔާސީ ޕާޓީ ކަމަށްވާ ޑީއާރުޕީ ރަޖިސްޓްރީ ކުރީ ޖުލައި 15، 2005ގައެވެ. ނަމަވެސް ތިން ހާސް މެންބަރުން ހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ އުވާލަން ނިންމާފައެވެ.

comment ކޮމެންޓް