މާލޭގެ ކޮންމެ ދިމާލަކަށް ބަލާލިނަމަވެސް މިހާރު ފެނިގެންދަނީ ރަތާއި ފެއްސާއި ހުދުން ޖަރީކޮށްފައިވާ ތަނެވެ. ގައުމީ ޓީމަށް އޮތް ލޯތްބާއި ސަޕޯޓު ހާމަކުރުމުގެ ގޮތުންނެވެ. ރަތް ކުލައިގެ ޖޯޒީ ގަންނަން ފިހާރަތައް ދަށުގައި ކިޔުއެވެ. ގައުމީ ޓީމު ކުޅޭ ކޮންމެ މެޗެއް ބަލަން 18 ގަޑިއިރު ކުރިން ކިޔޫ ދަމާލައެވެ.
މައްސަލައެއް ނެތެވެ. ދިވެހިންނަކީ ފުޓުބޯޅައަށް ލޯބިކުރާ ބައެކެވެ. ގައުމީ ފުޓުބޯޅަ ޓީމަށް މަރުދޭ ބައެކެވެ. ކިޔޫގައި ކިތަންމެ ގަޑިއިރެއް ހޭދަކުރަން ވެސް ފަހެއް ނުޖެހެއެވެ. ޓިކެޓު ލިބެންޏާ ނިމުނީއެވެ.
ސަރަހައްދީ ފުޓުބޯޅައިގެ ދެ ބާރު ކަމަށްވާ އިންޑިއާއާއި ރާއްޖެ ބައްދަލުކުރާ މެޗު އޮތީ ބުދަ ދުވަހުގެ ރެއެވެ. ދިވެހިންނަށް މުހިންމު މެޗެކެވެ. ތަށި ދިފާއު ކުރުމަށް އޮތް އެންމެ ބޮޑު ޗެލެންޖެވެ.
އެހެން މެޗުތަކެކޭ އެއްފަދައިން މި މެޗުގެ ޓިކެޓު ގަތުމަށް ވެސް އެތައް ގަޑިއިރެއް ކުރިން ސޯޝަލް ސެންޓަރު ކައިރީގައި ކިޔޫ ދަމާލައިފިއެވެ. ކުރީ މެޗުގައި ޓިކެޓު ނުލިބުމުން އަވަހަށް ލިބޭތޯ ދަންވަރު ކިޔޫއަށް އެރި މީހުން ވެސް މަދެއް ނޫނެވެ.
އެ ހުރިހާއިރު ކިޔޫގައި ހޭދަކުރީ އެކި ގޮތްގޮތުން މުނިފޫހިފިލުވުމުގައެވެ. ތާސް ކުޅުމުގައެވެ. ބަނޑުފުރީ ކޮފީ ތަށި ތަކުންނެވެ. ލުއި ކާނާ ޕެކެޓުތަކާއި ތަފާތު އެކިއެކި ދަޅުތަކުންނެވެ.
ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މި ކަމުން ދިވެހިންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ވަރަށް ރަނގަޅަށް ދައްކައިދިނެވެ. ދިވެހިންގެ ހިތްތަކުގައި ގައުމިއްޔަތަށް އޮތް ލޯތްބާއި ހާއްސަކޮށް ގައުމީ ފުޓުބޯޅަ ޓީމަށް އޮތް ލޯބި ދައްކައިދިނެވެ.
ކިޔޫގައި އެތައް ގަޑިއިރެއް ހޭދަކުރުމަށްފަހު ދިގު އިންތިޒާރުގެ ފޮނި މޭވާއަކީ ޓިކެޓެވެ. ޓިކެޓު ލިބުމުންވީ އުފަލެއްގެ ބޮޑުކަމުން ކޮންމެ މީހަކު ވެސް އަވަހަށް ދިޔައީ ގެއަށެވެ. ވެފައި ހުރި ވަރުބައްޔާއެކުގައެވެ. ބޯން ގެންގުޅުނު ދަޅުތަކާއި ހުސް ފުޅިތަކާއި ލުއި ކާނާތައް ހުރީ ކިޔޫ ހަދައިގެން ތިބި ތަނުގައެވެ. މަގުމަތީގައެވެ. ކައިރީގައި ޑަސްބިން ބަރި ޖަހައިލައިފައި ހުރި ނަމަވެސް ޑަސްޓްބިންތައް މަތީން ހަނދާނެއް ނެތެވެ. ހަނދާން ނެތިނަމަވެސް ދެވުނީ މުޅި ތަން ހަޑިކޮށްލައިފައެވެ. ފަރުދީ ޒިންމާގެ މަތިން ވެސް މުޅިން ހަނދާން ނެތުނީއެވެ.
ބަވަނަ ވަމުން އަންނަ ދުނިޔޭގައި ގަބޫލުކުރުމެއް އޮވެއެވެ. އެހެން މީހަކު ސާފު ކުރާނޭ ކަމަށް ތަނެއް ހަޑިކުރާނަމަ އެކަމުން ދޭހަކޮށްދެނީ އެ މީހެއްގެ ނާތަހުޒީބުކަމެވެ. ނުވިސްނޭ މިންވަރެވެ.
ވެމްކޯގެ ހީވާގި މުވައްޒަފުން އެ ސަރަހައްދު ސާފުކުރާނެއެވެ. އެހެންނަމަވެސް ކައިރީގައި ހުރި ޑަސްޓްބިންތަކުގެ ބޭނުން ނުކޮށް މުޅި ހިސާބަށް ކުނި އަޅައިފައިވުމުން ހާމަކޮށްދެނީ ހަމަަ ދިވެހިންގެ ނާތަހުޒީބު ކަމެވެ.