ރާއްޖެ އާއި ބަންގުލަދޭޝް ފުޓުބޯޅައިގެ ފެންވަރުގައި ތަފާތެއް ނެތް: ސުޒޭން

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން -- ފޮޓޯ/ އެފްއޭއެމް

ރާއްޖެ އާއި ބަންގުލަދޭޝްގެ ފުޓުބޯޅަ އަޅައިބަލަމުން ދިޔަ ނަމަވެސް، ދެ ގައުމުގެ ފުޓުބޯޅައިގެ ފެންވަރު އަބަދުވެސް އޮތީ އެއްވަރެއްގައި ކަމަށް ރާއްޖޭގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އިއްޔެ ހަވީރު ބަންގުލަދޭޝްގައި ކުޅުނު ދެވަނަ ލެގު މެޗުން 2-1ގެ ނަތީޖާއަކުން ރާއްޖެ ވަނީ ބަލިވެފައެވެ. އެ ނަތީޖާއާ އެކު 3-2ގެ އެގްރިގޭޓަކުން ބަންގުލަދޭޝް ކުރި ހޯދައި، ވޯލްޑް ކަޕް ކޮލިފައިންގެ ދެވަނަ ބުރުން ވަނީ ޖާގައެއް ހޯދައިފައެވެ. ރާއްޖޭގައި ކުޅުނު ފުރަތަމަ ލެގު މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

އިއްޔެގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗު ސުޒޭން ބުނީ ރާއްޖެ އާއި ބަންގުލަދޭޝްގެ ފުޓުބޯޅައާ އަޅައިބަލަން ޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށާއި ބަންގުލަދޭޝް ފުޓުބޯޅައިގެ ފެންވަރު ވަރަށް މަތީގައި އުޅޭހެން ބައެއް ވާހަކަތަކުން ސިފަވާ ކަމަށެވެ.

"ނަމަވެސް ރާއްޖެ އާއި ބަންގުލަދޭޝްގެ ފުޓުބޯޅަ އަބަދުވެސް އޮތީ އެއް ފެންވަރެއްގައި. އަޅުގަނޑު ކުޅުނު އިރު، ރާއްޖެއަށް ބަންގުލަދޭޝް އަތުން މޮޅުވެދާނެ. އަދި މިއަދު ރާއްޖެ އަތުން ބަންގުލަދޭޝް އެ މޮޅުވީ. ބަންގުލަދޭޝަށް 2003ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރެވުނު. ރަނގަޅު ފުޓުބޯޅައެއް ކުޅެގެން އޭރުވެސް ބަންގުލަދޭޝް މޮޅުވީ. އޭގެ ފަހުން ދެ ތިން ފަހަރަކު ބަންގުލަދޭޝް އަތުން ރާއްޖެ މޮޅުވި. އެ މުބާރާތަށްފަހު ވާދަވެރި މެޗަކުން ރާއްޖެ އަތުން ބަންގުލަދޭޝް މޮޅުވި ފުރަތަމަ ފަހަރު ކަންނޭނގެ މިއީ،" އޭނާ ބުންޏެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ދެވަނަ ލެގުގައި ބަންގުލަދޭޝް ކޮޅަށް ގޯލު ޖެހުމަށްފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ/ އެފްއޭއެމް

ސުޒޭން ބުނީ މެޗުގައި ދިހަ ކުޅުންތެރިންނާއެކު ވެސް ބަންގުލަދޭޝް އިން ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ކަަމަށާއި ރާއްޖެއިން ވެސް ވަރަށް ވަރަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ކަމަށެވެ. ނަމަވެސް ރާއްޖެއަށް މައްސަލައަކަށްވީ ފުރުސަތުތަކުގެ ބޭނުން ނުހިފުން ކަމަށް އޭނާ ބުންޏެވެ.

"ކުރީ މެޗެކޭ އެއްގޮތަށް މި މެޗުގައި ވެސް މައްސަލައަކަށްވީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުން. ބަންގުލަދޭޝް އިން ރަނގަޅު ކުޅުމެއް ދެއްކި. އެމީހުން ނުކުތީ ޕްލޭނަކާއެކު، އަދި އެ ޕްލޭނާއެކު މުޅި މެޗުގައި އެމީހުން ކުޅެމުންދިޔައީ ވެސް. ލީޑުގައި އޮތުމަށް އެމީހުން ގިނަ މަސައްކަތްތަކެއް ކުރަމުންދިޔަ،" އޭނާ ބުންޏެވެ.

ސުޒޭން އިތުރަށް ބުނީ ބަންގުލަދޭޝްއިން ފާއިތުވެދިޔަ ދެ އަހަރު ކުޅެމުންދިޔައީ ފަހަތުން ބޮޑު ބޯޅައެއް ޖަހައިގެން ގޯލު ޖެހުމަށް ކަމަށާއި ރާއްޖެއިން މަސައްކަތްކުރަމުންދިޔައީ ބޯޅަ ހިފަހައްޓައިގެން ރަނގަޅު ފުޓުބޯޅައެއް ކުޅެން ކަމަށެވެ. އަދި ސުޒޭން ވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)އާ ގުޅޭގޮތުން ވެސް ވާހަކަދައްކައިފައެވެ.

"އަޝްފާގަކީ މި ސަރަހައްދުގައި ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާ. އަޅުގަނޑު މި ދަންނަވަނީ އަޝްފާގަށްވުރެ ގިނައިން ސުނިލް ޗެތުރީ ގޯލު ޖެހި ވާހަކައެއް ނޫން. ނަމަވެސް ހުނަރުގެ ގޮތުން މިހާތަނަށް މި ސަރަހައްދުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އަޝްފާގް. އޭނާ ނެތްތަން ދައްކާނެ، އެކަމަކު މިހާރު އަޝްފާގުގެ އުމުރުން 35 އަހަރަށްވުރެ މަތި. އަދި އޭނާ ހުރީ އަނިޔާގައި. ރާއްޖެއިން ޖެހޭނެ އަޝްފާގާ ނުލައި ނަތީޖާ ނެރެން،" އޭނާ ބުންޏެވެ.

ރާއްޖެއަށް ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ގެއްލިގެން ދިޔަ އިރު، ރާއްޖެއަށް ދެން އޮތީ އޭޝިއަން ކަޕްގެ ކޮލިފައިނުން ޖާގައެއް ހޯދުމަށް ޕްލޭއޯފްގައި ވާދަކުރުމެވެ.

comment ކޮމެންޓް