އައިއެސްގެ ލީޑަރެއް ކަމަށް ބުނާ އަމީން ހައްޔަރު ކޮށްފި

ޝަރީއަތުގެ މަޖިލީހުގައި އަމީން: އޭނާ އިއްޔެ ވަނީ ހައްޔަރުކޮށްފައި ----

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތުކުރާ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އަމީން ހައްޔަރުކޮށްފައިވަނީ އިއްޔެ ކަމަށެވެ.

އަމީން ހައްޔަރުކޮށްފައި މިވަނީ، އޭނާ 30 ދުވަހުގެ މުއްދަތަށް ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއި ވަނިކޮށެވެ. އެމަރުކޮށްފައިވަނީ، މިދިޔަ އާދިއްތަ ދުވަހުއެވެ.

އަމީން ބަންދުކުރުމަށް އަމުރެއް ނެރެފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާތައް ބާތިލްކޮށް، މިނިވަން ކުރުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރުމާ ގުޅިގެން އަނެއްކާ ވެސް އޭނާ ބަންދުކުރުމުގެ އަމުރަކަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދިފައިވަނިކޮށެވެ.

ހައްޔަރުގައި ބަހައްޓައިގެން އަމީނަށް ދައުވާ އުފުލައި ކްރިމިނަލް ކޯޓުގައި އަޑުއެހުންތައް ފަށައިފައި ވަނިކޮށް އޭނާގެ ވަކީލުންގެ ފަރާތުން ވަނީ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކޮށްފައެވެ. އެ މައްސަލަ ނިމުނީ އަމީނާ އެއްކޮޅަށެވެ. ހައިކޯޓުން ނިންމީ ދައުވާތައް ބާތިލްކޮށް އަމީން ދޫކޮށްލުމަށެވެ.

ނަމަވެސް ސުޕްރީމް ކޯޓުގައި އަމީނަށް ވަނީ ނާކާމިޔާބުވެފައެވެ. މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ، ހައި ކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކުރުމަށެވެ.

އަމީނަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައިގައި ތުހުމަތު ކުރެވުނު މީހެކެވެ. އެ މައްސަލައިގައި ހައްޔަރު ކުރަން އުޅުމުން އަމީން ވަނީ ފިލައިގެން ލަންކާއަށް ގޮސްފައެވެ.

އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް އޭރު ވަނީ ނެރެފައެވެ. އެއާއެކު ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު އޭނާ ދޫކޮށްލީއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް އަމީން ވަނީ ހިމަނައިފައެވެ. އޭނާއަކީ އެ ލިސްޓުގައި ހިމެނި ފުރަތަމަ ދިވެއްސެވެ.

އަފްޣާނިސްތާން އަދި ޕާކިސްތާނުގައި އައިއެސް އިން ހިންގަމުން އަންނަ ގޮތްޕަށް އެކި ގޮތްގޮތުން އަމީން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ވެސް ތުހުމަތު ކުރެއެވެ. އެގޮތުން ފައިސާގެ އެހީތެރިކަމާއި، މުދަލާއި، ޓެކްނޮލޮޖީގެ ދާއިރާއިން ވެސް އަމީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ތުހުމަތު ކުރެއެވެ.

comment ކޮމެންޓް