އަހްސަންގެ މަރު: ޝަހުމަށް މަރުގެ ހުކުމް، ޝިމާޒް 15 އަހަރަށް ޖަލަށް

އަހްސަން ބަޝީރުގެ މަރުގެ މައްސަލައިގައި ހައި ކޯޓުން ބޭއްވި އަޑުއެހުން ----

މީގެ 10 އަހަރު ކުރިން މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ސ. ހިތަދޫ ވަރުދީގޭ އަހްސަން ބަޝީރު މަރާލި މައްސަލައިގައި ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލްކޮށް ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމަށް މަރުގެ އަދަބު ދިނުމަށާއި ހަސަން ޝިމާޒް މުހައްމަދު ސުވާދު 15 އަހަރަށް ޖަލަށް ލުމަށް ހައި ކޯޓުން ހުކުމް ކޮށްފިއެވެ.

މަޖީދީމަގާއި އަލިކިލެގެފާނުމަގު ގުޅޭ ހިސާބުގައި ތޫނު އެއްޗަކުން ހަމަލާދީ ސ. ހިތަދޫ ވަރުދީގޭ އަހްސަން ބަޝީރު މަރާލައިފައިވަނީ 2011ވަނަ އަހަރުގެ މާޗް މަހުގެ 17ވަނަ ދުވަހުގެ މެންދަމު 3:20ގައެވެ.

އެ މައްސަލައިގައި ދައުވާކުރި ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް އާއި މއ. ވީނަސްތަރި، ހަސަން ޝިމާޒު މުހައްމަދު ސުވާދުގެ މައްޗަށް ދައުލަތުން ކުރީ ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާއެވެ. އެހެން ނަމަވެސް އެ ކުށް އެ ދެ މީހުންގެ މައްޗަށް ސާބިތު ނުވާ ކަމަށް އޭރު ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.

އިސްތިއުނާފަށް ހުށަހެޅިތާ އެތައް އަހަރެއް ފަހުން މިއަދު މައްސަލަ ނިންމާފައިވާއިރު ވަނީ، ޝަހުމާއި ޝިމާޒަށް ކުށް ސާބިތުވާކަމަށް ހުކުމްކޮށްފައެވެ.

އެގޮތުން ޝަހުމުގެ މައްޗަށް އުފުލި ގަސްތުގައި މީހަކު މެރުމުގެ ދައުވާ، އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާތީ، އެކުށުގެ އަދަބެއްގެ ގޮތުން، މަރުގެ އަދަބު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

އަހްސަނުގެ ވާރިސުންގެ ތެރެއިން ހުރިހާ އެންމެވެސް އެދިފައިވަނީ އޭނާގެ ގާތިލުގެ ކިބައިން މަރަށް މަރު ހިފުމަށެވެ. އަހްސަނުގެ ވާރިސުންގެ ގޮތުގައި ތިބީ، އޭނާގެ މަންމައާއި ބައްޕަގެ އިތުރުން އެއްބަޑު އެއްބަފާ ތިން އަންހެނުންނާއި ހަތަރު ފިރިހެނުންނެވެ. އޭގެ ތެރެއިން އަހްސަނުގެ ބައްޕަ ވަނީ މަރުވެފައެވެ.

ޝަހުމުގެ މައްޗަށްކޮށްފައިވާ މަރުގެ ހުކުމް ތަންފީޒުކުރެވެންދެން، ގާނޫނުގައި ބަޔާންކޮށްފައިވާ ޖަލެއްގައި އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ ހުކުމްކޮށްފައެވެ.

ޝިމާޒަށް ތުހުމަތުކޮށްފައިވަނީ، ހާދިސާ ހިނގި ސަރަހައްދަށް ޝަހުމު 'އުފުލައިދިން' ކަމަށެވެ. އެގޮތުން ސައިކަލުގައި ޝަހުމު ގޮވައިގެން ގޮސް އޭނާ އަހްސަނަށް ހަމަލާ ދިނުމުން، އެ ސަރަހައްދު ދޫކޮށް ދިޔަކަން ވަނީ ސާބިތުވެފައެވެ.

އެކުށުގެ އަދަބެއްގެ ގޮތުން ޝިމާޒު ވަނީ 15 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން މިނިވަންވެފައި ހުއްޓައި ޝިމާޒް ހައްޔަރުކުރީ އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ ހައްޔަރުކުރަން ހައިކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ.

ޝަހުމް މިހާރުވެސް ހުރީ ޖަލު ހުކުމެއްގައެވެ. އެއީ 2010 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި މާޒިޔާ ދަނޑުގައި ހިންގި މާރާމާރީއެއްގައި މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން މަރާލި މައްސަލައިގައި ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވުމުން އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.

comment ކޮމެންޓް