އާގިލްގެ މަރު: ހަމްދޫން މަރަން ކުރި ހުކުމް އިސްތިއުނާފަށް

އާގިލްގެ މަރުގެ މައްސަލައިގައި ހިމެނޭ މީހުން

ވ. ފެލިދޫން މާލެ އައި ލޯންޗަކުން އެއް ނަމްބަރު ފާލަމަށް ފޭބި އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް ގަޔަށް ވަޅި ޖަހާ މަރާލިކަން ސާބިތުވެ، ލ. ފޮނަދޫ, ހިޔާ, ހަމްދޫން ހަމްޒަތު މަރަން ކުރި ހުކުމް، ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ހަމްދޫން ހަމްޒަތު މަރަން ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހު ހުކުމް ކުރީ، އޭނާގެ މައްޗަށް އާގިލް މަރާލިކަން ސާބިތުވެ، އާގިލްގެ ވާރިސުންގެ ފަރާތުން މަރަށް މަރު ހިފަން ބޭނުންވުމުންނެވެ.

މި މައްސަލައިގައި ދައުލަތުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން ކުރީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގޭ އަލީ މިޖުވާދު މާލިކްގެ މައްޗަށެވެ. އަދި އެކަމަށް އެހީތެރިވިކަމުގެ ދައުވާ، ހއ. ދިއްދޫ, ސްނޯބޯޑް އިބްރާހިމް ވިޝާމްގެ މައްޗަށް ކުރެއެވެ. އެކަމަކު، ހަމްދޫން ފިޔަވައި ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވިއެވެ.

ހަމްދޫން މަރަން ކުރި ހުކުމް، އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން އެ މައްސަލަ މިހާރުވަނީ ހައިކޯޓަށް ބަލައިގަނެ، ރަޖިސްޓްރީކޮށްފައެވެ. އެކަމަކު އިސްތިއުނާފު ފަށާނެ ވަކި އިރެއް އަދި ނޭނގެއެވެ.

ދައުލަތުން އުފުލި މި ދައުވާގައި ބުނެފައިވަނީ ހަމްދޫން، 31 އޮގަސްޓު 2018 ދުވަހު 19:30 އެހައިކަށްހައިއިރު، ވ. ފުލިދޫއިން މާލެއަށް އައި "ސްކަލް ރައިޑާ" ލޯންޗު އެމްއެމްއޭއާ ދިމާލުން ބޮޑުތަކުރުފާނު މަގުގެ ޖެޓީ ސަރަހައްދަށް ގާތްކުރި ވަގުތު އެ ލޯންޗުން ފޭބި ގދ. ފަރެސްމާތޮޑާ ފަރެސްއަވަށް، ކޮކާ، އާގިލަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާދީފައިވާތީއާއި، ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް 31 އޮގަސްޓު 2018 ދުވަހު 20:59 އެހައިކަށްހައިއިރު، އާގިލު މަރުވެފައިވާ ކަމަށެވެ.

މި މައްސަލައިގައި ކުށް ސާބިތުވުމުން، އާގިލުގެ ވާރިސުންކަމުގައިވާ އޭނާގެ މަންމަ އާއި ބައްޕަ ބޭނުންވީ ގިސާސް ހިފާށެވެ.

މި މައްސަލައިގެ ޝަރިއަތުގައި ހެކިވެރިޔަކު ބުނި ގޮތުގައި އެމްއެމްއޭ ސަރަހައްދުގައި ހަމްދޫނާއި އެހެން މީހަކު އެރޭ ހަރަކާތްތެރިވަމުން ދިޔައިރު، އޭނާގެ އަތުގައި ވަޅިއެއް އޮތްކަން ސީސީޓީވީ ފުޓޭޖްތަކުން ސާފުވެއެވެ. އަދި ވަޅި ހިފައިގެން އާގިލް ފަހަތުން އޭނާ ދުވި މަންޒަރާއި، ވަޅިޖެހުމާ އެކު އާގިލް ވެއްޓުނު މަންޒަރާއި، އެ ވަގުތު ހަމްދޫން މީހެއްގެ ސައިކަލް ފަހަތަށް އަރައިގެން ވިލިނގިލި ފެރީ ޓާމިނަލަށް ދިޔަ މަންޒަރު ފެނުން ކަމަށް ހެކިވެރިޔާ ބުންޏެވެ.

ކިތާބީ ހެކީގެ ގޮތުގައި ހުށަހެޅި ވީޑިއޯ އަދި ފޮޓޯގެ ތިން ހެކީގެ ތެރެއިން ފުރަތަމަ ފުޓޭޖްގައި ހަމްދޫންއާ އެއްގޮތް ފަސް ސިފައެއް ފެންނަ ކަމަށާއި، ސައިކަލަށް އަރައިގެން ދާ މަންޒަރު ދައްކުވައިދޭ ދެވަނަ ވީޑިއޯގައި އޭނާއާ އެއްގޮތްކަން ރަމްޒުކޮށްދޭ ތިން ސިފައެއް ފެނުނު ކަމަށް ހެކިވެރިޔާ ބުންޏެވެ. އަދި ހަމްދޫން ސައިކަލުގައި ގެންދިޔައީ އާގިލް މަރާލުމުގައި އެހީވި ކަމުގެ ދައުވާ އުފުލާފައިވާ ވިޝާމް ކަމަށާއި އެއީ އޭނާކަން ކަށަވަރުކުރީ އެއްގޮތް ކަމަށް ބެލެވޭ ހަތް ސިފައެއް ފެނުމުންކަން ފާހަގަކުރިއެވެ.

މި މަންޒަރުތައް ފުލުހުން ނަނާގަފައިވަނީ ޖުމްލަ 20 ސީސީޓީވީ ފުޓޭޖުންނެވެ.

އެމްއެމްއޭ ކައިރީގައި ހަމަލާދީ މަރާލި އާގިލް އާއި އޮޓޯ ގަރާޖު ކައިރީގައި މަރާލި އިސްމާއިލް ޝައްފާންގެ މަރަކީ ބަދަލު ހިފުމުގެ މަރުތަކެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް