ރާއްޖޭގައި މަރުވި ދަރިފުޅުގެ މައްސަލައިގައި ސިންގަޕޫރުގެ ސްކޫލަކާ ދެކޮޅަށް ދައުވާކޮށްފި

ޖެނާ ޗޭން---

ދެހާސް ސައްވީސް ވަނަ އަހަރު ރާއްޖެއަށް ކުރި ސްކޫލް ދަތުރެއްގައި މަރުވި އުމުރުން 15 އަހަރުގެ ޖެނާ ޗޭންގެ މައިންބަފައިން، އިހުމާލުގެ މައްސަލައެއްގައި, ސިންގަޕޫރުގެ, ސެންޓް ޖޯސެފްސް އިންސްޓިޓިއުޝަން އިންޓަނޭޝަނަލް (އެސްޖޭއައިއައި) އާ ދެކޮޅަށް ދައުވާކޮށްފިއެވެ.

ޖެނާގެ މައިންބަފައިން ކަމަށްވާ ޑރ. ޖެނިފާ ލިއޯ އަދި އެލަން ޗޭން މި ދައުވާ ހުށަހެޅީ މިއަދެވެ. މިއީ ޖެނާ ދުނިޔޭގައި ހުރި ނަމަ އޭނާގެ 17 ވަނަ އުފަންދުވަހެވެ.

ސިންގަޕޫރުގެ ހައިކޯޓުގެ ޖެނެރަލް ޑިވިޝަނަށް ހުށަހެޅި މި މައްސަލައިގައި އެ އާއިލާއިން ބުނެފައިވަނީ، ކޯޓަށް ދާން މަޖުބޫރުވީ ދަރިފުޅުގެ މަރާ ގުޅޭގޮތުން ސްކޫލުން ޖަވާބެއް ހޯދުމަށް 20 މަސް ދުވަސް ވަންދެން ކުރި މަސައްކަތް ނާކާމިޔާބުވުމުން ކަމަށެވެ.

"އަހަރެމެން މި ހިސާބަށް އަންނާކަށް ބޭނުމެއް ނޫން،" ޖެނިފާ ބުނެފައިވެއެވެ.

އޭނާ ބުނި ގޮތުގައި، އެހެން ކުއްޖަކަށް މިފަދަ ކަމެއް ދިމާވިޔަ ނުދިނުމަށްޓަކައި ކަން ހިނގި ގޮތް ހޯދުމަށް ސްކޫލާ ގުޅިގެން މަސައްކަތްކުރަން އާއިލާއިން އެދުނު ނަމަވެސް، ސްކޫލުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. އަދި މި ދައުވާގެ ބޭނުމަކީ ޒިންމާދާރުކުރުވުން ކަމަށާއި، މިއީ މިފަދަ އެންމެ ފަހު ހާދިސާކަން ކަށަވަރުކުރުން ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

އެސްޖޭއައިއައި ގެ ގްރޭޑް ނުވައެއްގައި ތަޢުލީމު ހާސިލުކުރަމުންދިޔަ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ ޖެނާ މަރުވީ 8 ނޮވެންބަރު 2024 ގައި އދ. ދިގުރަށް ކައިރިއަށް ފީނަން ގޮސް އުޅުމުގެ ތެރޭގައެވެ. ދައުވާގައި ބުނެފައިވާ ގޮތުން، އެ ދުވަހުގެ ހެނދުނު ޖެނާ މޫދަށް ފޭބީ ދަތުރުގައި ބައިވެރިވި ޓީޗަރުންގެ ހުއްދަ ލިބިގެންނެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން އުޅަނދުގެ އިންޖީނު ޖައްސައި ފަހަތަށް ދުއްވާލުމުން، އުޅަނދުގެ ބުރަފަތީގައި ޖެނާ ޖެހުނެވެ.

އާއިލާއިން ކޯޓަށް ހުށަހެޅި ލިޔުންތަކުގައިވާ ގޮތުން، އުޅަނދު ފަހަތަށް ދިޔައީ މޫދުގައި ތިބި އެހެން ކުދިންނާ ދިމާއަށެވެ. އަދި ކެޕްޓަނަށް ގޮވައި އުޅަނދު ހުއްޓުވީ ޓީޗަރެކެވެ. އެ ވަގުތު ޖެނާ އޮތީ އުޅަނދުގެ ދަށުގައި ތާށިވެފައެވެ. ދަތުރުގައި ބައިވެރިވި ދެ ޓީޗަރުން މޫދަށް ފުންމާލައިގެން ޖެނާ ސަލާމަތްކުރިއިރު، އޭނާ އުޅަނދަށް އެރުވުމަށް އެހެން ދަރިވަރުން އެހީތެރިވިއެވެ. އުޅަނދަށް އެރުވުމަށްފަހު ކުޑަ ވަގުތުކޮޅަކަށް ހޭއަރައި "އަހަރެން ސަލާމަތްކުރޭ" އޭ ޖެނާ ބުނި ކަމަށް ދައުވާގައިވެއެވެ. އޭނާ މަރުވިކަން ކަށަވަރުކުރީ ދިގުރަށު ސިއްހީ މަރުކަޒަށް ގެންދިޔަތާ 15 މިނެޓު ފަހުންނެވެ.

ރާއްޖެއަށް ކުރި މި ދަތުރަކީ އެސްޖޭއައިއައިގެ ގްރޭޑް ނުވައެއްގެ ހުރިހާ ދަރިވަރުން ފުރިހަމަކުރުން ލާޒިމު އައުޓްޑޯ އެޑިއުކޭޝަން ޕްރޮގްރާމްގެ ބައެކެވެ. މި ދަތުރު އިންތިޒާމުކުރީ ސްކޫލުން ހަވާލުކޮށްގެން، އިނގިރޭސިވިލާތުގައި ރަޖިސްޓަރީކޮށްފައިވާ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ވޭލް ޝާކް ރިސާޗް ޕްރޮގްރާމް (އެމްޑަބްލިއުއެސްއާރުޕީ) އިންނެވެ. އާއިލާއިން ތުހުމަތުކުރާ ގޮތުގައި، ދަތުރުކުރާ މަންޒިލްގެ ސަލާމަތީ ކަންކަން ސްކޫލުން އެކަށީގެންވާ ގޮތެއްގައި ބަލާފައެއް ނުވެއެވެ. އަދި ކުދިންނާ ހަވާލުވުމަށް އެމްޑަބްލިއުއެސްއާރުޕީ އަކީ އެކަށީގެންވާ ބައެއްތޯ ބަލައި، މޫދު ކުޅިވަރުތައް ކުރިއަށްގެންދަނީ ރައްކާތެރި މާހައުލެއްގައިތޯ ކަށަވަރުކުރުމުގައި ސްކޫލް ވަނީ ފެއިލްވެފައެވެ.

މީގެ އިތުރުން، ދަތުރުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ސްކޫލުން މައިންބަފައިންނަށް ތަކުރާރުކޮށް ޔަގީންކަން ދިން ކަމަށާއި، ދިމާވެދާނެ ކޮންމެ ހާލަތަކަށް ތައްޔާރުވެފައިވާ ކަމަށް ބުނެފައިވާ ކަމަށް އާއިލާއިން ފާހަގަކުރެއެވެ. ނަމަވެސް ޖެނާގެ މަރަށްފަހު ސްކޫލުން މައުލޫމާތު ސިއްރުކޮށް، ދަތުރުގައި ބައިވެރިވި ޓީޗަރުންނާ ބައްދަލުކުރުމަށް އާއިލާއިން އެދުމުން އެކަމަށް ހުރަސްއަޅާފައިވާ ކަމަށް ދައުވާގައިވެއެވެ. އަދި މިހާތަނަށް އެއްވެސް ތަހުގީގު ރިޕޯޓެއް އާއިލާއާ ހިއްސާކޮށްފައެއް ނުވެއެވެ.

ޖެނާ ބައިވެރިވީ ސްކޫލުން މަޖުބޫރުކުރި ހަރަކާތެއްގައި ކަމަށްވާތީ، އޭނާގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެހެން ފަރާތަކާ ހަވާލުނުކުރެވޭނެ ފަދަ ޒިންމާއެއް ކަމަށް އާއިލާއިން ދެކެއެވެ. ނަމަވެސް ސްކޫލްގެ ގާނޫނީ ވަކީލުން ކަމަށްވާ ރާޖާ އެންޑް ޓޭން ސިންގަޕޯ އިން 21 ނޮވެންބަރު 2025 ގައި ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ޖެނާ ރައްކާތެރިކުރުމުގެ އެފަދަ ޒިންމާއެއް ސްކޫލްގެ މައްޗަށް ނޯންނާނެ ކަމަށެވެ. އަދި އެމްޑަބްލިއުއެސްއާރުޕީ އަކީ މިނިވަން ކޮންޓްރެކްޓަރެއް ކަމަށާއި، އެ ފަރާތުގެ އިހުމާލުން ހިނގާ ކަމަކަށް ސްކޫލުން ޒިންމާވާން ނުޖެހޭނެ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

comment ކޮމެންޓް