ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެ

ގދ. ތިނަދޫ. (ފޮޓޯ/ޝަހާއު މުހައްމަދު)

ގދ. ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ، ގއ. ގެމަނަފުށީގެ މީހަކު މަރުވެއްޖެއެވެ.

ގއ. ގެމަނަފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު "ސަން"އަށް ވިދާޅުވީ ތިނަދޫ ކޮވިޑް ފެސިލިޓީގައި މަރުވީ މީގެ ހަފްތާއެއް ކުރިން އެރަށުން ގެންދިޔަ، 80 އަހަރުން މަތީގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މީގެ އިތުރުން އެ މީހާ މަރުވީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށާއި އެއީ ބަލި ޖެހި، ހާލު ސީރިއަސް ވެގެން ވެންޓިލޭޓަރަށް ލާފައި އޮތް މީހެއް ކަމަށް ނާޝިދު ވިދާޅުވިއެވެ.

އެއީ ކޮވިޑް ޖެހިގެން ގެމަނަފުށީގެ މީހަކު މަރުވި ފުރަތަމަ ފަހަރެވެ.

އެއާ އެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 235އަށް އަރާފައެވެ.

ކޮވިޑް ޖެހިގެން ގެމަނަފުށިން މީހަކު މަރުވެފައި ވަނީ އެ ރަށުގެ އެކްޓިވް ކޭސްތައް 67އަށް އަރާފައި ވަނިކޮށެވެ. އެ ރަށުން މިހާތަނަށް 243 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ.

އެޗްޕީއޭއިން ރޭ އާއްމު ކުރި ތަފާސްހިސާބުގައިވާ ގޮތުން ފާއިތުވި 24 ގަޑި އިރު ތެރޭ ރާއްޖެއިން 74 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރޭގައި އަތޮޅުތެރެއިން 49 މީހަކާއި މާލެއިން 21 މީހުން ހިމެނެއެވެ. އަދި ރިސޯޓުތަކުން ހަތަރު މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ރާއްޖޭގެ ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1،205 އެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން މިހާރު 12 މީހަކަށް ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އެބަދެއެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު 85،622 އަށް އަރައިފައިވާއިރު އޭގެ ތެރެއިން 84،170 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

comment ކޮމެންޓް