ފައިސަލްއަށް އިންޑިއާ މެޗުގައި ކުޅެވޭނެ ކަމުގެ އުއްމީދު

ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް -- ސަންފޮޓޯ/ އަހްމަދު އައިމަން އަލީ

އުރީދޫ ސާފްޗެމްޕިއަންޝިޕްގައި ރާއްޖެއާއި ސްރީލަންކާ ބައްދަލު ކުރި މެޗުގައި ދިވެހިރާއްޖޭގެ ސަޕޯޓަރުންގެ މޫނުމައްޗަށް ހިތާމަވެރި ކުލަވަރެއް ގެނުވީ ރާއްޖެ ޓީމުގެ ގޯލް ކީޕަރު މުހައްމަދު ފައިސަލަށް އަނިޔާވެ އަށިގަނޑުގައި ބާލަން ޖެހުމުންނެވެ.

އެކަމުގައި ސަބަބުތައް ބައިވަރެވެ. ފައިސަލަކީ އިތުބާރުހިފޭ ކީޕަރެކެވެ. އެންމެ ފަހުން ރާއްޖެ ތަށި ހޯދި 2018ވަނަ އަހަރުގެ ސާފްޗެމްޕިއަންޝިޕްގައި ވެސް އޭނާ ވަނީ އެކަން ސާބިތުކޮށްދީފައެވެ.

ކުރިއަށް އޮތް އިންޑިއާ މެޗަކީ ރާއްޖޭގެ ގައުމީ ޓީމަށް މުބާރާތުގައި އެންމެ މުހިންމު މެޗެވެ. އެ މެޗުން ބަލިވެއްޖެނަމަ ރާއްޖެ ޓީމު މުބާރާތާ އަލްވަދާއު ކިޔަން ޖެހޭނެއެވެ. އެހެންކަމުން ފައިސަލަށް އެ މެޗުގައި ކުޅެވުމަކީ ގިނަ ބަޔަކު އުއްމީދު ކުރާ ކަމެކެވެ.

ސަޕޯޓަރުންނަށް ފައިސަލް ފޭސްބުކްގައި މިއަދު ވަނީ އުއްމީދީ ޖަވާބެއް ދީފައެވެ. ފައިސަލް ބުނެފައިވަނީ ސަޕޯޓަރުންގެ ހެޔޮދުއާއާއެކު ޓެސްޓުތަކުގެ ނަތީޖާ ރަނގަޅު ކަމަށެވެ.

"އިންޝާﷲ އެނބުރި އަންނާނީ ވަރުގަދަކޮށް،" ފައިސަލް ބުނެފައިވެެއެވެ.

ފައިސަލަށް އިންޑިއާ މެޗުގައި ކުޅެވޭނެކަމުގެ ފެހި ސިގްނަލެއް ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުއްރަހީމް ވެސް ވަނީ ދީފައެވެ.

" އިންޝާﷲ އަހަރެމެންގެ ފާރު ވަރުގަދަ" ފައިސަލާއެކު ނަގައިފައިވާ ފޮޓޯއެއް ޕޯސްޓުކޮށް އަސްލަމް ބުނެފައިވެއެވެ.

ފައިސަލަށް މެޗުގެ 27 ވަނަ މިނިޓުގައި އަނިޔާވުމުން ދެން ކުޅެން އެރީ މުހައްމަދު ޝަފީއު (ޗެކް)އެވެ. އެއީ އޭނާ ގައުމީ ޖާޒީގައި ކުޅެން ނުކުތް ފުރަތަމަ މެޗެވެ.

އެ މެޗުގައި ޝަފީއުގެ ކުޅުމަށް ގިނަ ބަޔަކު ވަނީ ތައުރީފް ކޮށްފައެވެ. އަދި މެޗަށް ފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޯޗު ސުޒައިން ވެސް ވަނީ މިހާ ޕްރެޝަރު މެޗެއްގައި ޝަފީއު ދެއްކި ކުޅުމަށް ތައުރީފް ކޮށްފައެވެ.

comment ކޮމެންޓް