ސަޕޯޓަރުންނަށް ލުއިފަސޭހަތަކެއް، ޓިކެޓް ގަންނަން ކިޔޫ ހެދޭނީ 9:30ގެ ފަހުން

ރާއްޖެއާއި ލަންކާ ބައްދަލު ކުރި މެޗަށް ޓިކެޓް ގަންނަން ގިނަ ބަޔަކު ކިޔޫ ހަދާފައި -- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

އުރީދޫ ސާޗްޗެމްޕިއަންޝިޕްގައި ރާއްޖެއާއި އިންޑިއާ ބުދަ ދުވަހުގެ ރޭ ބައްދަލު ކުރާ މެޗަށް މާދަމާ ހެނދުނު 10 ޖަހާއިރު ސޯޝަލް ސެންޓަރުން ޓިކެޓް ވިއްކަން ފަށަން ނިންމައިފިއެވެ.

މާދަމާ 10 ޖަހާއިރު ސޯޝަލް ސެންޓަރުން ޓިކެޓް ވިއްކަން ފަށާއިރު އެ ސަރަހައްދުގައި ކިޔޫ ހަދަން ފެށޭނީ 9:30ގައި ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ. އަދި އޭގެ ކުރިން އެ ސަރަހައްދުގައި ކިޔޫ ނުހެދޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ސަޕޯޓަރުންނަށް ވިއްކަން ހަމަޖެހިފައިވަނީ 3000 ޓިކެޓެވެ. ގަލޮޅު ދަނޑުގެ މިހާރުގެ ކެޕޭސިޓީއަކީ ކޮވިޑާ ގުޅިގެން މިހާރު 5000 މީހުންނެވެ. އަދި އަދަދު އެވަރަށް މަދުވެފައިވަނީ ދަނޑުގެ ދެކުނު ފަރާތަށް މީހުން ނުވައްދާތީއާ ވެސް އެކުގައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ޔޫތު މިނިސްޓްރީއާ މަޝްވަރާކޮށް ސޯޝަލް ސެންޓަރުގައި ހަ ކައުންޓަރު ބެހެއްޓޭނެ ގޮތަށް އިންތިޒާމު ކުރެވިފައި ވާނެ ކަމަށެވެ.

"ކޮންމެ ރައްޔިތަކަށް ދެ ޓިކެޓް އަޅުގަނޑުމެން މި ވިއްކަނީ. އެއީ ހަމަ ލިމިޓް ކޮށްގެން ވިއްކަން. އަޅުގަނޑު ބޭނުންވަނީ ގިނަ ފަރާތްތަކަށް ޓިކެޓް ލިބިގެން ދިއުން،" ބައްސާމް ވިދާޅުވިއެވެ.

ބައްސާމް އިތުރަށް ވިދާޅުވީ ޔޫތު މިނިސްޓްރީގެ ހެޔޮއެދުންތަކާއެކު ޓިކެޓް ގަންނަން އަންނަ އެންމެނަށް އިށީންދެގެން ތިބެވޭނެ އިންތިޒާމް ހަމަޖަައްސައިފައިވާ ކަމަށެވެ. އަދި ކައުންޓަރަށް އެރުުމުގެ ކުރިން ވެކްސިން ކާޑާއި އައިޑީ ކާޑު ޗެކް ކުރެވޭ އިންތިޒާމު ވެސް ހަމަޖައްސައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ޓިކެޓް ގަންނަން ލުއިފަސޭހަތަކެއް ހަމަޖެއްސި ނަމަވެސް ޓިކެޓާ ހަމައަށް ދާއިރު ވަގުތުތަކެއް ނަގާނެ ކަމަށެވެ.

"ހުރިހާ ރައްޔިތުން ވެސް ކެތްތެރިކަމާއެކު މި މަަސައްކަތުގައި އަޅުގަނޑުމެންނާއެކު ބައިވެރިވެވަޑައިގެންނެވުމަށް އެދެން،" ބައްސާމް ވިދާޅުވިއެވެ.

ސާފްޗެމްޕިއަންޝިޕްގެ ލީގު ބުރުގައި އިތުރަށް އޮތީ ދެ މެޗެވެ. އެއީ ބުދަ ދުވަހު ހަވީރު ބަނގްލަދޭޝާއި ނޭޕާލް ވާދަކުރާ މެޗާއި އެ ރޭ ރާއްޖެއާއި އިންޑިއާ ވާދަ ކުރާ މެެޗެވެ.

comment ކޮމެންޓް